ކ. މާލެ
|
16 އޮކްޓޯބަރ 2020 | ހުކުރު 11:36
ރާއްޖޭގެ ރިސޯޓެއް: ކޮވިޑް-19 އާއެކު ހުއްޓިފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުންދޭ
ރާއްޖޭގެ ރިސޯޓެއް: ކޮވިޑް-19 އާއެކު ހުއްޓިފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުންދޭ
ބުކިންގ.ކޮމް
ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ތަފާސްހިސާބު
ބޯޑަރު ހުޅުވާލިފަހު، 26،000 ފަތުރުވެރިން، މިއަހަރުގެ މިހާތަނަށް 4 ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި
ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން މާރޗު 27 ގައި ބޯޑަރު ބަންދު ކުރުމާހަމައަށް 382،760 ފަތުރުވެރުން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވޭ
ބޯޑަރު އަލުން ހުޅުވި ޖުލައި މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.752 ފަތުރުވެރިން
އޮގަސްޓް މަހު، 7،628 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ
މި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، 7،853 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވޭ، މިހާތަނަށް ޖުމަލް، 409،567 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ

ކޮވިޑް-19 ޕެންޑަމިކް އާގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހު، 26،000 ފަތުރުވެރިން، އަދި މިއަހަރު މިހާތަނަށް 4 ލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.

ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވަނީ މިއަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ. އަލުން ބޯޑަރު ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައި 15 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ޖުލައި 15 ވަނަ ދުވަހުން ފެށިގެން މި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރާތް ކޮށްފައިވަނީ، 26،720 ފަތުރުވެރިން ނެވެ.

ތަފާސްހިސާބު ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން މާރޗު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 382،760 ފަތުރުވެރިން ނެވެ. ބޯޑަރު އަލުން ހުޅުވި ޖުލައި މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.752 ފަތުރުވެރިން ނެވެ.

އޮގަސްޓް މަހު، 7،628 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ. އެގޮތުން، މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޖުމްލަ، 401،714 ފަތުރުވެރިން ނެވެ.

މި ހިނގާ އޮކްޓޯބަރު މަހަށް ބަލާއިރު، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 7،853 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ. އެހެންކަމުން މިއަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ފެށިގެން އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ، 409،567 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 800،000 އެއްހާ ފަރުވެރިން ނެވެ. އަދި ކުރިއަށް އޮތީ ފަތުރުވެރި ކަމުގެ ސިނާއަތުގެ ސީޒަން ދުވަސްތައް ކަމަށްވާތީ، މިހާރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެގުނަ ވެގެން ދިއުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެކެވެ.

ނިމިދިއަ 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު، އެއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ރެކޯޑް އަދަދެވެ.

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ. އެގޮތުން އެގައުމުން ވަނީ 4817 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި އުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އެމެރިކާ، އިންގިރޭސި ވިލާތް، ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި މިސްރުން ވެސް ރާއްޖެ އަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުން އަންނައިރު، ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދު ކުރުމަށްފަހު ބުރާސްފަތި ދުވަހު މިވަނީ އަލުން ހުޅުވާފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދު ކޮށްފައިވަނީ މިދިޔަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެ ރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ބުނެފައެވެ.

- ކޮމެންޓް