މާލެ ފިޔަވާ 18 ރަށެއްގައި 146 މީހަކު ކޮވިޑް-19ށް ފަރުވާ ހޯދަމުންދާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުރާސްފަތި ދުވަހު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަތޮޅު ތެރެއިން 146 ކޭސް އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓު ކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 59 ބިދޭސީންނެވެ. ބުދަ ދުވަހު އަތޮޅުތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓު ކޮށްފައިވަނީ 152 ކޭސްއެވެ. އެހެންކަމުން ބުރާސްފަތި ދުވަހު 6 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެ ފިޔަވާ އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވަނީ ލ. ކައްދޫއިންނެވެ. ކައްދޫއިން 62 ކޭސް ރިޕޯޓު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަބަންދު ކަރަންޓީނުގައި ތިބި 34 މީހުންނާއި ކޮންޓެކްޓުވި 28 މީހުންނެވެ. ކައްދޫއިން ޕޮޒިޓިވް ވެފައިވަނީ ދިވެހިންނެވެ.
ދެވަނަ އަށް އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވަނީ 55 ކޭސްއާއި އެކު ސ. ގަމުންނެވެ. އެ 55 މީހުންނަކީ ބިދޭސީންނެވެ.
މީގެއިތުރުން ހއ. ދިއްދޫއިން ވަނީ 5 ކޭސް އެއް ރިޕޯޓު ކޮށްފައެވެ. މީގެތެރޭގައި 4 ދިވެހިންނާއި 1 ބިދޭސީއެކެވެ. އެ ރަށުން ޕޮޒިޓިވްވި ގިނަ މީހުންނަކީ މާލެ އިން ރަށަށް ގޮސް ފުރަބަންދު ކަރަންޓީނުގައި ތިބި މީހުންނެވެ. ރ. ވާދޫ އިން 4 ކޭސް އެއް ރިޕޯޓު ކޮށްފައިވާއިރު ލ. ގަމުންނާއި ގދ. ތިނަދޫއިން ވަނީ ކޮވިޑުގެ ތިން ކޭސް ފެނިފައެވެ.