ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ވެލުއޭޝަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓަރީން މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު، ކުރި އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ އެ އިޢުލާން ވަނީ ބާޠިލްކޮށްފައެވެ. އަދި އަލުން ފިނޭންސް މިނިސްޓްރީން އިސްލާހްކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އާއި އެގޮތަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވެލުއޭޝަން ތައްޔާރުކުރުމަށް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނުގައި ވެއެވެ.
ފިނޭންސް މިނިސްޓްރީ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ޕްރީ-ބިޑް މީޓިންގ މި މަހުގެ 20 ވަނަ ދުވަހުގެ 13:30 ގައި އޮންނާނެ ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން މިމަހުގެ 28 ވަނަ ދުވަހު 13:30 ގައި އޮންނާނެ ކަމަށެވެ.
އެހެންކަމުން، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ޕްރީ-ބިޑް މީޓިންގ އަށް ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.
އަހަރަކު 6 ލައްކަ ފަތުރުވެރިންނަށް އަމާޒު ކޮށްގެން އައްޑޫ ގަމުގެ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް 17 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފައްޔާޒް ވިދާޅުވެފައިވަނީ، އައްޑޫ އެއަރޕޯޓް ތަރައްޤީ ކުރުމަށް ތައްޔާރު ކޮށްފައިވާ ޕްރޮޕޯސަލާއި އެއްގޮތަށް އެއަރޕޯޓް ތަރައްޤީ ކުރުމަށް ނިންމާފައިވަނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން، އައްޑޫ ތަރައްޤީ ކުރުމަށް ހަމަޖައްސާފައިވާ ކޮމްޕޯނަންޓުން ކަމަށެވެ. އަދި، އައްޑޫއަށް ފަތުރުވެރިން ގެނައުމަށް އެއަރޕޯޓް ތަރައްޤީވުން ވަރަށް މުހިއްމުކަމަށާއި، ފަތުރުވެރިކަން ރަނގަޅުވުމަށް އެއަރޕޯޓް ރަނގަޅުވާން ޖެހޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.