އާލާކުރި ކަސް ފާނަތަކަށް ނީލަމުގައި ރަނގަޅު ޑިމާންޑެއް ލިބެމުން އަންނަ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަން އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޫދު ކޮށީގައި ބޮޑުކޮށްފައިވާ ފާނައަށް ނީލަން ކިޔުމުގެ ފުރުސަތު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުރޭ 20:00 އާ ހަމައަށް ހުޅުވާލާފައިވާ އިރު، އެ މުއްދަތުގެ ތެރާގައި ހީކުރި ވަރަށް ވުރެ ގިނަ ފަރާތްތަކުން ބިޑު ހުށަހަޅާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ނީލަން ކިޔުނު ހަތް ކޮށީގެ ތެރެއިން ހަތަރު ކޮށި ވިކިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހިންގާ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ] ދަށުން އދ. އަތޮޅަށް އަމާޒުކޮށްގެން ހިންގަމުންދާ ޕްރޮޖެކްޓަކުން އުފައްދާފައިވާ ފާނަ ވިއްކުމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ޞިނާޢަތެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށް ވުމާއިއެކު، މިސިނާއަތުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފަހިކޮށްދިނުމަށްޓަކައި މޫދުކޮށީގައި އާލާކޮށްފައިވާ ފާނަ ނީލަން ކިއުމަށް ވަނީ ނިންމާފައި ކަމަށެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުގެ ތެރެއިން، ޖުމްލަ 2000 ފާނައަށްވުރެ ގިނައިން ގަތުމަށް ހުށަހަޅާ ފަރާތްތަކަށް، ކޮށީގައި އިތުރަށް މި ފާނަ ބެލެހެއްޓުމަށް ބޭނުންވާނަމަ، މި މަސައްކަތަށް ޚާއްސަކުރެވިފައިވާ މޫދު ކޮށްޓާއި 1 މަސްދުވަހުގެ ކާނާ، އޭގެ ކޮސްޓް ޕްރައިސްގައި ގަތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފާނަ ގަތުމަށް ހުށަހަޅާ އަގު، ނީލަން ކާމިޔާބު ކުރި ތާރީޚުން ފެށިގެން 5 (ފަސް) ދުވަހުގެ ތެރޭގައި ފާނައިގެ ވެރިފަރާތްތަކަށް އަދާކުރަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. މި މުއްދަތުގެ ތެރޭގައި އަގު އަދާކޮށް ނުނިމޭނަމަ، ދެން އެންމެ މަތީ އަގު ހުށަހެޅި 3 ފަރާތުގެ ތެރެއިން، ނީލަން ނިމުނު އެންމެ މަތީ އަގު ދައްކަން އެއްބަސްވާ ފަރާތަކަށް ފާނަ ވިއްކާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.