ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ އަދި އުއްމީދަކީ ވޭނުގައި ދިރިއުޅެމުންދާ އާއިލާތަކަށް އުއްމީދެއް ހޯދައި ދިނުން ކަމަށާއި، އެކަން ކުރުން މަތީގައި މަޖިލީސް އަބަދުވެސް ދެމި ތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ، ބުރާސްފަތި ދުވަހު މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ މަޖިލީހުގެ އިޖްތިމާއި ކޮމިޓީ ގުޅިގެން ރާއްޖޭގެ ތެލެސީމީއާ ކެއާގެ ހާލަތު ދިރާސާ ކުރުމަށް އެއް ދުވަަހުގެ މުއްދަތަށް ބާއްވާ ވާރކްޝޮޕް އިފްތިތާހު ކުރުމަށް މަޖިލީހުގެ ޖަލްސާކުރާ މާލާމުގައި ވާހަކަ ދައްކަވަމުންނެވެ.
ތެލެސީމިއާ ބަލި ތަހައްމަލު ކުރާ ފަރާތްތަކުގެ ހާލަތު ބަޔާން ކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ބަލި ތަހައްމަލު ކުރާ މީހުން އުފުލާ ވޭނަކީ ގިނަ ބަޔަކަށް އިހްސާސް ކުރެވޭ ވޭނެއް ނޫން ކަމަށާއި، އެންމެންނަށް ވެސް ފެންނަނީ ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ވާހަަކަތަކާއި މަންޒަރުތައް ކަމަށެވެ. އެއަށް ފަހު ނަޝީދު ވިދާޅުވީ، ތެލެސީމިއާ ބަލީގެ އިތުރުން އެހެނިހެން ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް ރަނގަޅު ގޮތްތަކެއް ހޯދައި ދިނުމަކީ މަޖިލީހުގެ އަމާޒު ކަމަށެވެ.
މަޖިލީހުގެވެސް އަމާޒަކީވެސް އަދި އިޖްތިމާއީ ކޮމިޓީގެވެސް ބޭނުމަކީ އަޅުގަނޑުމެން އުއްމީދެއް ތިބޭފުޅުންނަށް ދިނުން. ރާއްޖޭގެ ރައްޔިތުންނަށް އުއްމީދު ގެއްލިނުދާނެ ހުރިހާ ގޮތެއް ހޯދޭތޯ އަޅުގަނޑުމެން މަސައްކަތްކުރުންމުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ސިޔާސީ ހަޔާތުގެ ވާހަކަތައް ހިއްސާ ކުރައްވަމުން ވިދާޅުވީ، ރައްޔިތުންނާ ބައްދަލު ކުރަން ވަޑައިގެންނެވުމުން އެ ރައްޔިތުންގެ ޝަކުވާ އަބަދުވެސް އެމަނިކުފާނާ ހިއްސާ ކުރައްވާ ކަމަށާއި، އެއީ މަޖިލީސް ވެސް ބޭނުންވާ ގޮތް ކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި، އަބަދުވެސް އަމާޒެއް ކަމަށް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހައި އެ ފަރާތްތަކަށް ބޭނުންވާ ކަންކަމަށް ހައްލެއް ހޯދައި ދިނުން ކަމަށެެވެ.
ތެލެސީމީއާ ސޮސައިޓީއާ މަޖިލީހުގެ ކޮމިޓީއާ ގުޅިގެން ވާރކްޝޮޕް އެއް ބާއްވަން ނިންމީ ފާއިތުވި ދުވަސްތަކުގައި ލޭ އަޅާ ގިނަ ފަރާތްތަކެއްގެ ޝަކުވާތައް އިޖްތިމާއި ކޮމިޓީ އަށް ލިބުމާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ލޭ ލިބުން ދަތިވުމާއި، ތެލެސީމިއާގެ ސެންޓަރުގެ ހިދުމަތްތަކާއި ގުޅޭ ޝަކުވާތައް ހިމެނެއެވެ. ބުރާސްފަތި ދުވަހުގެ ކުރިޔަށްދާ ވާރކްޝޮޕް ގައި ދިމާވެފައިވާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާތައް ކުރާނެއެވެ.