ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް ހުރި މީހެއް ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާ ޕީއެންސީގެ ޝަހީބު އިބްރާހިމް އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން ސަސްޕެންޑް ކޮށްފި އެވެ.
ޕީއެންސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކޮށްފައިވާ އެ ޕާޓީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހީމް އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ސަސްޕެންޑް ކޮށްފައިވާ ކަމަށާއި، އަދި މައްސަލާގައި ވަކި ގޮތެއް ނިމެންދެން އޭނާ ހުންނާނީ ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައި ކަމަށް ޕީއެންސީ އިން ބުނެއެވެ.
ފުލުހުން ވަނީ ބުދަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ނެޓްވޯކްގެ އިސް މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ މިތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް ހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.
މީގެ ތެރޭގައި ހިމެނޭ ޝަހީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެކި މިނިސްޓްރީތަކުގެ މަތީ މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ 19 ވަނަ ރައްޔިތުން މަޖިލިސްގެ އިންތިޚާބުގައި ވެސް ގއ. ވިލިނގިލީ ދާއިރާއަށް ވާދަކޮށްފައިވާ ކެންޑިޑޭޓެކެވެ.
ޝަހީބަށް މަސްތުވާތަކެތީގެ ގިނަ ތުހުމަތުތައް ކުރެވޭއިރު، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ވެސް އޭނާ ގުޅުން އޮތް ކަމަށް ފުލުހުން ބުނެއެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބެވެ. އަދި އެ މައްސަލާގައި ޝަހީބާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.