ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 21:14
މިނިސްޓްރީ އޮފް އިސްލާމިކް އެފެސަރޒް
މިނިސްޓްރީ އޮފް އިސްލާމިކް އެފެސަރޒް
ރާއްޖެއެމްވީ
ދަރިވަރުންނަށް ޚާއްސަ އެހީއަށް އެދުމުގެ ފުރުސަތު
ފުދުންތެރިކަން ނެތް ދަރިވަރުންނަށް ޒަކާތު ފަންޑުން ޚާއްސަ އެހީދެނީ
މި ފުރުސަތު ވަނީ ބުދަ ދުވަހުން ފެށިގެން 1 މަސްދުވަހަށް ހުޅުވާލެވިފައި
މިއީ ޒަކާތު ފަންޑުން އަލަށް ދޭންފެށި އެހީއެއް
އަހަރަކު ތިން ފަހަރު އެހީ ދިނުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ނިންމާފައި

މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުދުންތެރިކަން ނެތް ދަރިވަރުންނަށް ޚާއްސަ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެސަރޒް ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މަތީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަ ކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވި ތިބި ދަރިވަރުންނަށް "މަތީ ތައުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ އެހީ ދިނުމުގެ އުސޫލު" ގެ ދަށުން ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.

މި ފުރުޞަތު ބުދަ ދުވަހުން ފެށިގެން 15 ނޮވެންބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އެހީއަށް އެދި ހުށަހެޅޭނެ ފަރާތްތަކުގައި ހުންނަން ޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި:

- ދިވެހި ރައްޔިތެއްކަމުގައިވުން

- އިސްލާމީ ޝަރީޢާ ހުއްދަކުރާ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން.

- މާލީ ގޮތުން ފުދުންތެރިކަމެއް ނެތް ޒަކާތް ލިބުން ޙައްޤުވާ ގިންތިއެއްގައި ހިމެނޭ ފަރާތެއްކަމުގައިވުން.

- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 (ފަހެއް) އިން ފެށިގެން ލެވެލް 10 (ދިހައެއް) ގެ ނިޔަލަށް ހިމެނޭ ކޯހެއްގައި ކިޔަވާ ދަރިވަރެއް ކަމުގައިވުން.

- ޚާއްޞަ އެހީއަށް އެދޭ ދަރިވަރަކީ އަމިއްލަ ބާރެއް ނެތި ދިމާވި ކަމެއްގެ ސަބަބުން، ކޯސް ފުރިހަމަކުރުމަށް ފައިސާގެ ދަތިކަން މެދުވެރިވެފައިވާ ދަރިވަރެއް ކަމުގައިވުން.

- ޒަކާތު ފަންޑުގެ ދަށުން ސްކޮލަރޝިޕް ލިބިފައިވާ ދަރިވަރެއް ކަމުގައި ނުވުން.

އެހީއަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00ން މެންދުރުފަހު 13:30ށް ލިބެން ހުންނާނެއެވެ. މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓްhttp://islamicaffairs.gov.mvއިންވެސް ފޯމު ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި، 3020294 ، 3020209 ނަންބަރަށް ގުޅުމުން ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓަރ ވިދާޅުވީ ޒަކާތު ފަންޑުން ފުދުންތެރިކަން ނެތް ދަރިވަރުންނަށް ޚާއްސަ އެހީ ދިނުމުގެ ފުރުސަތު މިއީ އަލަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށެވެ. ފުރުސަތު ހުޅުވާލެވިފައި މިވަނީ ކުރިން ޒަކާތު ފަންޑުން ކުރިން އެހީވަމުންދިޔަ އުސޫލްތަކަށް އިސްލާހުތަކެއް ގެނެސްގެންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ފުރުސަތު އެއް މަސްދުވަހަށް ހުޅުވާލެވިފައި ވީނަމަވެސް އަހަރުގެ މެދުތެރެއިން ވެސް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އަދި އަމާޒަކީ އަހަރެއްގެ ތެރޭގައި ތިން ފަހަރެއްގެ މަތިން މި ފުރުސަތު ދަރިވަރުންނަށް ހުޅުވާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް