ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ މައުމޫން (މާނު) ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުޤީޤަށް އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ބުދަ ދުވަހު އޭސީސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު، އޭސީސީގެ ތަހުޤީޤުތަކާ ގުޅިގެން ކޮމިޓީގެ މެމްބަރުން ވަނީ ގިނަ ސުވާލުތައް އަމާޒު ކުރުވާފައެވެ. އެގޮތުން މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީ މާނުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ލަސްވާ ސަބަބުތަކާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭސީސީގެ މެމްބަރު އިބްރާޙިމް ޝަކީލު ވިދާޅުވީ، އެ މައްސަލައިގެ ތަހުޤީޤަށް މާނު ހާޒިރު ކުރުމުގެ މަސައްކަތް މިހާރުވެސް އޭސީސީން ކުރަމުންދާ ކަމަށެވެ.
މިހާރުވެސް އަޅުގަނޑުމެންގެ އެ މައްސަލަ ޙަވާލުވެފައޮތް އިންވެސްޓިގޭޝަން ޓީމުން، ގޭސް މައްސަލަތައް ބަަލައި އިންވެސްޓިގޭޓް ކުރަމުން އެބަދޭ ޓީމުން އެބަ ބަލާ އެބޭފުޅާ ގެނެވޭތޯ،އޭސީސީގެ މެމްބަރު އިބްރާޙިމް ޝަކީލު
މި މައްސަލައިގެ ތަހުޤީޤު އަދިވެސް އޭސީސީގައި ކުރިއަށްދާއިރު، މިވަގުތު މާނު ދިރިއުޅުއްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގައެވެ.
މިހާތަނަށް މި މައްސަލަ ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާފައި ނުވާއިރު، މި މައްސަލައިގައި އޭސީސީން މީގެ ކުރިން ބުނެފައިވަނީ އޭނާ ރާއްޖެއިން ބޭރުގައި ހުންނެވުމުން މި މައްސަލައިގެ ތަހުޤީޤަށް ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެހީއަކަށް އެދުމަށް ނިންމާފައިވާކަމަށް އޭސީސީން އޭރު ބުނެފައިވެއެވެ.
އޭގެ އިތުރުން، ރާއްޖެއިން ބޭރުގައި ހުންނަ މީހަކު ހާޒިރު ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުންނަކަން ފާހަގަކޮށް އޭސީސީން ބުނީ، އެކަންކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރެވިފައިވާކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އެތައް ދުވަހެއް ވެގެން ދިޔައިރުވެސް މާނު ހާޒިރު ނުކުރެވިގެން އުޅޭ ސަބަބެއް އޭސީސީން ބުދަ ދުވަހުގެ ކޮމިޓީގައި ފާހަގަކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާނު މީގެ ކުރިން ވިދާޅުވެފައިވަނީ، މި މައްސަލައިގެ ތަހުޤީޤުގައި އޭސީސީއާ މާނުއާ ދެމެދު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.