އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތައް، އެ ކޮމިޝަނަށް އަނބުރާ ފޮނުވަނީ ތަހުގީގުގެ ފެންވަރު ދަށްވެގެން ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ތަހުގީގުގެ ފެންވަރު ދަށް ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުންދާކަން ފާހަގަކުރައްވާ މެމްބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ދައުވާ ކޮށްދިނުމަށް އެދި ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވޭ މައްސަލަތައް އަނބުރާ އެ ކޮމިޝަނަށް ފޮނުވާލުމަކީ މައްސަލައެއް ކަމަކަށް ނުދެކޭ ކަމަށެވެ.
މި ކޭސްގަ އެކަންޏެއް ނޫން މިއީ އޭސީސީން ދައުވާ ކުރަން ފޮނުވާފައި ހުރި ކޭސްތައް ހުންނާނެ އަނބުރާ ފޮނުވާފަ. އެއީ ތަހުގީގުގެ ފެންވަރު ދަށްވެގެންނޭ، ނޫނީ އަޅުގަނޑުމެން ވަކި މިސްޓޭކްތަކެއް ހަދައިގެންނޭ ފުރިހަމަ ނުކޮށްގެންނެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. ހަމަ ރަނގަޅު ކުރަންޖެހޭ ކަންތައް ފާހަގަކުރެވިދާނެ އެ މަރުހަލާގަ. އެއީ ފޮނުވުމަކީ މައްސަލައެއް. އެއީ ޕްރޮސެސް އޮންނަ ގޮތް.އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ފާތިމަތު ޝިއުނާ
ތަހުގީގުތަކުގެ ފެންވަރު ދަށް ކަމަށް ދެކެވޭ ވާހަކަތައް ފެންމަތިވެގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ކުރީގެ ދެ މިނިސްޓަރުންނާއި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ނައިބެއްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި އޭސީސީން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގެ ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އެމައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވުމާއި ގުޅިގެންނެވެ.
މިއީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި އާއްމުކޮށް ހިނގާ ކަމެކެވެ. ދައުވާ ކުރުމަށް ބަލާއިރު، ތަހުގީގުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ފާހަގަ ކުރެވޭނަމަ، މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި މިފަދައިން އަމަލު ކުރަމުން ދެއެވެ.
މި މައްސަލައާއި ގުޅިގެން ޝިއުނާ ވިދާޅުވީ، މައްސަލައިގެ ތަހުގީގުގައި ޕީޖީ އޮފީހާއި އެތައް ފަހަރެއްގެ މަތިން ބައްދަލު ކޮށްފައިވާނެ ކަމަށާއި ތަހުގީގު ނިމިގެން ދިޔައީ އެ ފަރާތްތަކުގެ ލަފާއާއި މަޝްވަރާގެ މަތިން ކަމަށެވެ.