މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކުރުމުގެ މަސައްކަތް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް އެ ކުންފުންޏަށް ނުރަނގަޅު މަންފާތަކެއް ހޯދައި ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން މަސައްކަތް ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފިއެވެ.
މިނިސްޓަރ އަމީން ހިމެނޭ ގޮތަށް ހެލްތް މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި އޭސީސީން ވަނީ ބުދަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ. އެގޮތުން މިނިސްޓަރ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކޮށްގެން ކުންފުންޏަށް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ބައެެއް ކަންކަން ކުރައްވާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކުންފުނި ބިޑް ކޮމިޓީއަށް ތައާރަފް ކުރެއްވީވެސް މިނިސްޓަރ!
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައި ކުރުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންގެ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރައްވައި އެ ކުންފުންޏަށް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
އެކަމާ ގުޅޭ ތަހުޤީޤު އޭސީސީން ކުރިއަށް ގެންދިޔައިރު ފާހަގަވި ކަންކަން ބަޔާންކޮށް އޭސީސީން ބުނީ، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައި ކުރުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ކަމަށެވެ. އެގޮތުން 75 ވެންޓިލޭޓަރ ސަޕްލައި ކުރުމަށް ހަވާލު ކޮށްފައިވާ ފަރާތް ކަމަށްވާ ޑރ އަލީ އަލް ޓަކްމަކީ އަށް މިނިސްޓްރީ އޮފް ހެލްތު ތަޢާރަފް ކޮށްދީފައިވަނީ ވެސް މިނިސްޓަރ އަމީންކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.
އޭގެ އިތުރުން، އެ ފަރާތުގެ ކޮންޓެކްޓް މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމް އަށް ދެއްވުމަށްފަހު، އެއީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިވެގެން ހޯދާފައިވާ ފަރާތެއް ކަމަށް ދޭހަވާ ގޮތަށް ބިޑް ކޮމިޓީއަށް ތަޢާރަފް ކޮށްދީފައިވަނީ ވެސް މިނިސްޓަރ ޢަބްދުﷲ އަމީންކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.
އޭސީސީން ބުނީ، އޭގެ ނަތީޖާއެއްގެ ގޮތުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް އައިސްފައިވާ ކުންފުންޏެއް ކަމަށް ބަލައި، އެކަމަށް ކޮންސިޑަރކޮށް އެ ކުންފުނީގެ ޑިއުޑިލިޖެންސްއެއް ނަހަދައި، އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވާކަން ބިޑް ކޮމިޓީގެ މެމްބަރުންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެއީ މިނިސްޓަރ އޮފް ހެލްތު، ޢަބްދުﷲ އަމީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ނިންމާފައިވާ ނިންމުމެއްކަން އެނގޭކަން އޭސީސީން ވަނީ ފާހަގަ ކޮށްފައެވެ.
ކުންފުންޏަށް ފައިސާ ދެއްކުން އަވަސް ކޮށްދިނުމަށް މިނިސްޓަރ އަމީން މަސައްކަތް ކުރެއްވި!
އޭސީސީން ބުނީ، ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑު ކޮމިޓީ ތަކުގައި ބައިވެރިވެފައި ނުވާ 2 މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުން ތަކުގައި ބައިވެރިވުމަށް މިނިސްޓަރ އަމީން ވިދާޅުވިކަން ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ. އަދި 75 ވެންޓިލޭޓަރގެ %75 އެޑްވާންސް ޕޭމަންޓް ޕްރޮސެސް ކުރިއަށް ގެންދިއުމާ ގުޅިގެން، ޕޭމަންޓް ދެއްކުން އަވަސް ކުރުމަށް މިނިސްޓަރ މަސައްކަތް ކުރެއްވިކަން ތަޙްޤީޤަށް އެނގިފައިވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، ވެންޓިލޭޓަރ އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ހިންގާފައިވާ ޕްރޮކިއުމަންޓުގެ މަސައްކަތްތަކާއި، ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ މަސައްކަތް މިނިސްޓަރ ޢަބްދުﷲ އަމީންއަށް އެނގިފައިވާކަން ފާހަގަކޮށް އޭސީސީން ބުނީ، އެ ކަންކަމަށް ލަފާއާ މަޝްވަރާ ދެއްވާފައިވާކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށެވެ. އަދި އެކަމާގުޅޭ ހުރިހާ ކަމެއް ސިޔާސަތުތަކާ ގުޅޭ މޭޒަށް ހުށަހެޅުމަށްޓަކައި މިނިސްޓަރ ބްރީފިންގ ހޯއްދަވަމުން ގެންދެވިކަން ތަޙްޤީޤަށް އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީން ބުނީ، ޑރ އަލީ އަލް ޓަކްމަކީ އަށް އެ މަސައްކަތް ހަވާލު ކުރުމުގެ ނިޔަތުގައި މިނިސްޓަރ ކުރެއްވި ކަމެއް ކަމަށް ދަލީލް ކުރާތީ، މި މައްސަލާގައި މިނިސްޓަރ އޮފް ހެލްތު، ގދ.ގައްދޫ / ރޯސްމާގެ، ޢަބްދުﷲ އަމީން ގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 512 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުން އެދި އޭސީސީން ފޮނުވި ލިސްޓް:
- ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު)، މ.ހަޒާރީވިލާ / ކ.މާލެ، ފާޠިމަތު ލިމްޔާ
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް
- މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު
- މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ހަފީޒް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙުސައިން ނިޔާޒް
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ / ހަނދުވަރީވާދީ
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ކ.ގުރައިދޫ / ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ
- ިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ