ހއ. އިހަވަންދޫގައި އަލަށް އިމާރާތް ކުރާ ފެނަކަ އޮފީސް އިމާރާތުގެ ބިންގާ އަންގާރަ ދުވަހު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދް އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.
މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ހއ. އިހަވަންދޫގައި އަލަށް އިމާރާތް ކުރާ ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އޯޝަން ގޭޓްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.
އިހަވަންދޫގެ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގާ ބޮޑު ޕްރެޖެކްޓް ތެރޭ ހިމެނޭ، ފެނަކަ އައު އޮފީސް އިމާރާތެއް އެޅުމަށް، އޯޝަން ގޭޓްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު އެވެ.
މި އިމާރާތް އެޅުމަށް ބޭނުންވާ ބިން ކައުންސިލުން ވަނީ ހަމަޖައްސާދީފައެވެ. އަދި މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރު އިންޖީނުގެ ހުރި ސަރަހައްދުން ހުޅަނގު އުތުރު ކަންމަތިން އާމިނާދިޔޯ ހެލްތް ސެންޓަރުގެ ކުރިމައްޗަށްވާ ގޮތަށެވެ.
ދެ ބުރިއަށް ހަދާ އިހަވަންދޫ އާ ފެނަކަ އޮފީސް އިމާރާތުގައި މީޓިން ރޫމަކާއި ރިސެޕްޝަން އަދި ލޮބީ އޭރިއާއެއްގެ އިތުރުން ރެސްޓް ރޫމާއި ޓެރަހެއް ހިމެނޭ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ. އަދި އެތަނުގައި 40 އަށްވުރެ ގިނަ މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު ސަޢީދު ވިދާޅުވެފައި ވަނީ އިހަވަންދޫގެ ކަރަންޓް ނެޓްވޯކް ވަރަށް އަވަހަށް އެޗްވީ ނެޓުވޯކަށް ބަދަލު ކުރެވިގެން ދާނެ ކަމަށާއި އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
260 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ މި މަސައްކަތުގެ ޖުމްލަ އަގަކީ 6 މިލިއަން ރުފިޔާއެވެ.
ފެނަކަ އިން އަންނަނީ ރާއްޖޭގެ 56 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްދެމުންނެވެ.