ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި "މައިންގެ ކޮޓަރި" ނަމުގައި ކޮޓަރިއެއް ހުޅުވިކަން ހޯމަ ދުވަހުގެ ޖަލްސާގައި ހާމަކުރުމާއި ގުޅިގެން އެކި ފަރާތްތަކުން އެކަމާއި ގުޅޭގޮތުން ދެކޭ ގޮތް ހާމަކޮށް ހޯމަ ދުވަހު އެކަނިވެސް 32 މެސެޖް އެމަނިކުފާނަށް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތުއްޕުޅު ބޭފުޅުން ބެލެހެއްޓޭނެ އެހެން އިންތިޒާމެއް ނެތް ނަމަ މަޖިލިހުގެ އިދާރާ އަށް ގެންދަވައިގެން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސާ "މައިންގެ ކޮޓަރި" ނަމުގައި މަޖިލީހުގެ އިދާރާގައި ކޮޓަރިއެއް ބޭނުން ކުރަން ފަށާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ އެ ކޮޓަރީގައި ކުދިންނަށް ތިބެވޭނެ ކަމަށާއި އަދި ކުޑަކޮށް އެކުދިންނަށް އެ ކޮޓަރީގައި ކުޅެލާ ހަދާލެވޭނެ ކަމަށެވެ.
މި ކޮޓަރިއާއި ގުޅޭގޮތުން އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މައިންގެ ކޮޓަރި އެއް ހުޅުވުމާއި ގުޅިގެން ބައެއް ޖިންސުންލަތީފުން، އަންހެން ބޭފުޅުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރައްވާ ކަމަށެވެ. ނަޝީދު ވިދާޅުވީ އެ ކޮޓަރި އަކީ ކުޑަކުދިންގެ ކޮޓަރި އެއް ކަމަށެވެ.
މައިންގެ ކޮޓަރިއެއް ވެސް ނޫން. ބަފައިންގެ ކޮޓަރިއެއް ވެސް ނޫން. މިއީ ދަރިންގެ ކޮޓަރިއެއް. ކުޑަކުދިންގެ ކޮޓަރި އެއް. އެހެންވީމާ އަޅުގަނޑު ރަނގަޅުކޮށްލަދޭނަން. އަދި އަޅުގަނޑު އަމީން އާންމު އަރިހުން އެދޭނަން މިހާރު އަޅުގަނޑުމެންނަށް ކޮންމެސް ވަރަކަށް ޚަރަދުކުރެވި، އެތާންގައި ނަން ބޯޑު، އެ އިންނަނީ ސައިން ބޯޑް ޖެހިފައި. ދެން އެހެންނަމަވެސް އަޅުގަނޑު ދެކެނީ އެ ސައިންބޯޑް އަޅުގަނޑުމެން މަންމައިންގެ ކޮޓަރީގެ ބަދަލުގައި ދަރިންގެ ކޮޓަރިއަށް ނުވަތަ ނާސަރީ ނަމަވެސް ކޮންމެވެސް އެހެން ނަމެއް ކިޔުންރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ އެކަން ފާހަގަކުރައްވަން ޖެހިވަޑައިގެންނެވީ މީޑީއާގަ އާއި އަދި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މެސެޖުގެ އަދަދަށް ބަލާފައި ކަމަށެވެ.
މައިންގެ ކޮޓަރިއެއް މަޖިލީހުގެ އިދާރާގައި ހެދިކަން ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ އަންހެން މެމްބަރަކު އާލާސްވެ އިންނެވުމާއި ގުޅިގެން ގޮނޑިތައް ޖަހާފައި ހުރި ގޮތުން ހަނި ދޭތެރެތަކުން ވަޑައިގެން އިށީންދެ ވަޑައިގަތުމަށް ދަތިފުޅުވެގެން އަމީން އާންމު އަރިހުގައި އިށީންދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވާފައިވާތީ އެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޒަމާނުއްސުރެވެސް މަޖިލީހުގައި ގޮނޑި ޖަހާ ވަކި ގަވާއިދެއް ނޯންނަ ކަމަށެވެ. އެެހެންނަމަވެސް އެއީ އަބަދު އެކަން ހިނގަން ޖެހޭ ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.