ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް އެ ކޯޓުގައި ތާވަލް ކޮށްފިއެވެ.
ދީބާޖާ މައްސަލަ ރިވިއު ކުރުމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ސްޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގެ އަޑުއެހުން އެ ކޯޓުގައި ތާވަލް ކޮށްފައި މިވަނީ ބުދަ ދުވަހުގެ 10:00 އަށެވެ.
މިއީ ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ހުށަހަޅާފައިވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ޖެނުއަރީ 22 ގައެވެ. އަދި އެއީ އެ ކޯޓުގެ ގަވައިދާ އެއްގޮތަށް ހުށައެޅިފައިވާ މައްސަލައެއް ކަމުގައިވާތީ މައްސަލަ ހުށައެޅުމަށް ވަނީ ހުއްދަ ދީފައެވެ.
ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ދަމަހައްޓާފައިވަނީ ސުޕްރީމް ކޯޓުންނެވެ. ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި މި އަދަދަށް ފައިސާ ދޭން ސިވިލް ކޯޓުން ހުކުމް ކުރީ އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު އެ ކުންފުންޏާއެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލް ކުރުމާއި ގުޅިގެންނެވެ.
ސިވިލް ކޯޓުން ކުރި ހުކުމް 2018 ވަނަ އަހަރުގެ ތެރޭގައި ހައި ކޯޓުން ބާތިލް ކުރިއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވެފައި ވަނިކޮށް ހައިކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓަން އެ ކޯޓުން ނިންމީ މިކަމުގެ މައްޗަށް ރިއާޔަތްކޮށެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ކުރިން ނިންމި ނަމަވެސް އެ ފައިސާ އެ ކުންފުންޏަށް ދައްކާފައެއް ނުވެއެވެ. އަދި ފައިސާ ނުދީގެން ދީބާޖާ އިން އޮތީ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށައަޅާފައެވެ.
މީގެއިތުރުން، ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ އަންގަވާފައެވެ.
ދީބާޖާ ކުންފުންޏަށް ބަދަލު ދިނުމާއި ގުޅޭ މައްސަލާގައި އޮޑިޓާ ޖެނެރަލް އޮފީހުން މިދިއަ ޖުލައި މަހުގެ 22 ވަނަ ދުވަހު ނެރެފައިވާ ރިޕޯޓުގައި ބުނެފައި ވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދީބާޖާއާއި އެކު އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ސަރުކާރުން ހެދި އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން 2013 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ބާތިލް ކޮށްފައިވަނީ ދީބާޖާއާއި އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭތީ ކަމަށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރުން ދިން މުއްތަދުގައި ވެސް އެ ހިދުމަތް ފޯރިކޮށްދީފައި ނުވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.