ރާއްޖޭގެ ގާނޫނުލް އުގޫބާތަކީ އިސްލާމީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި އެއްގޮތް އެއްޗެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ގާނޫނުލް އުގޫބާތް ތައާރަފްވެގެން އައިގޮތާއި ގުޅިގެން ވާހަކަ ދައްކަވާފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތް އުފެދިގެން އައި ގޮތާ އެ ގާނޫނުލް އުގޫބާތު ބަދަލުވަމުން ދިޔަ މިންވަރާ ސަބަބުތައް އަޅުގަނޑު ހިތުން އިއްޒަތްތެރި މެމްބަރު ވަރަށް ސާފު. 1960 ގެ ތެރޭގައި ފުރަތަމަ ގާނޫނުލް އުގޫބާތެއް އަޅުގަނޑުމެންގެ ތެރެއަށް އެ އޮތް ގޮތަށް ތައާރަފް ވެގެން އައީ. ގާނޫނުލް އުގޫބާތަކީ އަޅުގަނޑުމެންނަށް ފާހަގަވި ގޮތުން އިންޑިއާގެ މިއުޓިނީއަށް ފަހުގައި އަމަލުކުރަން ފެށުނު ގާނޫނުލް އުގޫބާތް، އެއަށް ފަހުގައި ގާނޫނުލް އުގޫބާތު އިސްލާހު ކުރުމުގެ ރޫހުގައި، ޕީނަލް ކޯޑު ދިވެހި ބަހުން ފަހުން ތަރުޖަމާ ވެގެން އައީ. އެއީ އިންޑިއާގައި އިނގިރޭސިން ތިބިއިރުގެ މިއުޓިނީއެއް. ދިވެހި ބަހަށް މާފަހުން ތަރުޖަމާކުރެވި އަޅުގަނޑުމެން އަމަލު ކުރާން ފެށުނު ގާނޫނުލް އުގޫބާތަކީ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ރޫހާއި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ރޫހާއި އެކު ގާނޫނުލް އުގޫބާތަށް ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުލް އުގޫބާތަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގަ ބުނާ އިސްލާމީ އުސޫލުތަކާއި އެއްގޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މިހާރުވެސް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް އެބަދެއެވެ. ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ މަސައްކަތަކީ ކޮރަޕްޝަންގެ ޢަމަލުތައް ހިންގުން އިތުރުވަމުންދިޔުމާއި، އެފަދަ ޢަމަލުތައް ހިނގަމުންދާގޮތް ބަދަލުވެ، ޒަމާނީވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށް ކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައި ވާތީ، އެ ފަދަ ކުށްތައް މިހާރަށް ފެތޭގޮތަށް ބަދަލުކޮށް ގާނޫނުލްއުގޫބަތުގައި ހިމެނުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ވަނީ މައުލޫމާތު ދީފައެވެ.