ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމަށް އެދިލެއްވި ނަމަވެސް، މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު މިހެން މި ވާހަކަތައް ދެއްކެވީ ދެ މެމްބަރަކު ގާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ އިސްލާހުުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ގާނޫނު އަސާސީއަށް ހުށައަޅާފައިވާ އިސްލާހުތަކަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުންނަށް ނުތިބެވޭ ގޮތަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ގާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ އިސްލާހާއި ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ގާނޫނު އަސާސީ އަށް ހުށައަޅާފައިވާ އިސްލާހެވެ.
ޖާބިރު ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމަނިކުފާނު ތާއީދު ކުރައްވާކަން ތަކުރާރުކުރައްވާފައެވެ. އެހެންނަމަވެސް އެކަން ކުރަން އެދިލައްވަނީ ޖާބިރު ހުށައަޅުއްވާފައިވާ ގޮތަކަށް ނޫން ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބަހުސެއް ފަށަންވީ ވަގުތެއް ނޫން ކަމަށެވެ.
އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނަން އިސްލާހަކަށް އަޅުގަނޑުވެސް އެދެން، ނަމަވެސް އަޅުގަނޑު ނުދެކެން މިއީ އަޅުގަނޑުމެން އެކަން ކުރަން ބަހުސް ހިންގަންވީ ވަގުތެއް ކަކަށްވެސް، އަދި މި އިސްލާހު މި ބަޔާން ކުރަނީ އެ މަގަށް ކަމަށްވެސް.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި ބިލު އެޖެންޑާ ކުރެވޭނެ ކަމަށެވެ. އެހެން ކަމުން، މި ބިލުގެ ފުރަތަމަ ކިއުން އިއްވައި، އިބްތިދާއީ ބަހުސްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންނަމަވެސް މި ބިލާއި ގުޅިގެން އެންމެ ފަހުގެ ނިންމުން ނިންމާނީ މެމްބަރުންކަން ފާހަގަކުރެއްވިއެވެ.
މިކަމާއި ގުޅިގެން މީގެކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަބަދުވެސް ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި، ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ.