އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލް އޮފީހުން ހުށަހަޅާފައިވާ 56 މިލިއަން ރުފިޔާގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން އަންނަނީ ކުރަމުންނެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހޭއިރު، އޮޑިޓް އޮފީހުގެ ބަޖެޓަކީ ވަކިން، އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހަޅަން ޖެހޭ ބަޖެޓެކެވެ. ނަމަވެސް އޮޑިޓް އޮފީހުގެ ބަޖެޓް މަޖިލީހުން ފާސްކޮށް، އަދި ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމުން ދައުލަތުގެ ބަޖެޓް ފާސްކޮށް ނިމޭއިރު، އޮޑިޓް އޮފީހުގެ ބަޖެޓް ވެސް ދައުލަތުގެ ބަޖެޓްގެ ތެރޭގައި ހިމެނިގެންދާނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލް އޮފީހުން ހުށަހެޅި ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ކުރަމުން އަންނައިރު ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން އެންމެ ބޮޑަށް މަޝްވަ ރާކުރެއްވީ ފިނޭންސް މިނިސްޓްރީން އޮޑިޓް އޮފީހުގެ ބަޖެޓް 55 މިލިއަންގެ ސީލިންގ އެއް ދީފައިވާތީ އެކަމާއި ގުޅޭގޮތުންނެވެ.
އަންނަ އަހަރަށް އަލަށް ކުރުމަށް އޮޑިޓް އޮފީހުން ހުށަހަޅާފައިވާ ކަންކަމަކީ ޑެޕިޔުޓީ އޮޑިޓަރ ޖެނެރަލްގެ މަގާމު އުފެއްދުމާއި ލީގަލް ކައުންސިލްގެ މަގާމު އުފެއްދުމާއި އައު އޮފީސް އިމާރާތް އެޅުމެވެ.
އަލަށް އުފައްދާ ދެ މަގާމަށް އިތުރު ވެގެންދަނީ 1.46 މިލިއަން ރުފިޔާއެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ސީލިންގ ގައި ހިފަހައްޓާނެ ގޮތަކާއި މެދު މެމްބަރުން ވަނީ ތަފާތު ޚިޔާލުތަކެއް ދެއްވާފައެވެ. އެގޮތުން ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު ވިދާޅުވީ އެ ދެ މަގާމަކީ ކޮންމެހެން ބޭނުންވާ ދެ މަގާމުގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެއީ މިހާރު ވެސް އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ތިން ބޭފުޅުން ތިއްބަވާތީ އެތަނުން އެ މަސްއޫލިއްޔަތުތައް އަދާ ކުރެވޭނެ ގޮތެއް ހޯދައިގެން އެކަން ކުރެވޭނެތީ ކަަމަށް ހަސަން އަފީފު ވިދާޅުވިއެވެ. ލީގަލް ކައުންސިލްގެ މަގާމު 55 މިލިއަން ތެރެއިން ފެއްތޭކަމަށްވާނަމަ އެކަން ކުރުމުގައި މައްސަލައެއް ނެތް ކަމަށް އަފީފު ވިދާޅުވިއެވެ.
އެހެންނަމަވެސް ޑެޕިޔުޓީ އޮޑިޓަރ ޖެރެނަލް ގެ މަގާމު ހިޔެއްނުވޭ ކޮންމެހެން ބޭނުންވާނެހެން. ބަދަލުގައި 2022 ވަނަ އަހަރު އެމަގާމު އުފެއްދުމަށް އޭރުން އިގްތިޞާދު ރަނގަޅުވެފައިވާނެ ކަމަށްބެލެވެނީ. އިގްތިޞާދު ރަނގަޅުވާން މިއަންނަނީ ފަތުރުވެރިކަމުގެ ސިނާއަތު ރަނގަޅުވެގެން. އެސިނާއަތު އަދި ނުފެނޭ މާބޮޑު އަދަދުތަކުން ރަނގަޅުވާތަނެއް. އަޅުގަނޑަށް ފެންނަނީ 55 މިލިއަންގައި ބަޖެޓް ހިފެހެއްޓޭތޯ ބެލުމަށް. ކެޕިޓަލް އިންވެސްޓްމަންޓް މަޑުކޮށްލުން، އައު އިމާރާތް ފިނޭންސް މިނިސްޓްރޫިން ބަލަންވީ ކޮންޓްރެކްޓް ފައިނޭންސް ތެރެއިން ކުރެވޭތޯ. އޭރަށް އިތުރު ފައިސާ ޚަރަދުނުވެ އެކަން ކުރެވިގެންދާނެވިލިފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު
ހަސަން އަފީފުގެ މި ވާހަކަތަކަށް ތާއީދު ކުރައްވާ ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޣަފޫރު މޫސާ ވެސް ވިދާޅުވީ އިގްތިޞާދީ ހާލަތު މިހާރު އޮތްގޮތުން 55 މިލިއަން ރުފިޔާގައި ބަޖެޓް ހިފެހެއްޓުމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ކުރީގެ ހާލަތަށް ދެވިއްޖެނަމަ ކޮންޓިންޖެންސީ ބަޖެޓެއްގެ ތެރެއިން އިތުރު ފައިސާ ދިނުމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށް އަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.
ދާންދޫ ދާއިރާގެ މެމްބަރ ޔައުގޫބް އަބްދުﷲ ވެސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ކަންކަމުގައި ފިނޭންސް މިނިސްޓްރީގެ ލަފައަށް ވަރަށް ބޮޑަށް ބަލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ފިނޭންސުން ލަފާ ލިބިފައިވާގޮތަށް ކަންކަން ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ އިތުރުވާ ބައި ފިނޭންސް މިނިސްޓްރީއަށް މައްސަލައަކަށް ނުވާނަމަ އޮޑިޓް އޮފީހުން އެދިފައިވާ ގޮތަށް ބަޖެޓް ހަމަޖެއްސުމުގައި މައްސަލައެއް އޮތް ކަަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އައު އިމާރާތް ކުރުމުގެ މަސައްކަތަށް އަހަރަކު 43 މިލިއަން ރުފިޔާ ޚަރަދުވާއިރު އެކަންވެސް ހަމަޖެހޭނެ ގޮތެއް ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހޯދިދާނެ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.
އެހެންކަމުން ފިނޭންސް މިނިސްޓްރީން މައުލޫމާތުތައް ސާފު ކުރުމަށްފަހު މި ހަފްތާތެރޭ ކޮމިޓީން އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށް ތަޅުމަށް ފޮނުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހަށް މިއަހަރު ކަނޑައަޅާފައިވަނީ 64.91 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އިގްތިޞާދު ވަރަށް ބޮޑަށް ހީނަރުވެފައިވާތީވެ އަންނަ އަހަރުގެ ބަޖެޓް ވެގެންދާނީ ރިކަރަންޓް ޚަރަދު ކުޑަ ބަޖެޓެއް ކަމަށް ލަފާކުރެވެއެވެ.