ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައިނުވާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުހުލަތެއް ކަންކަން ރަނގަޅު ކުރުމަށް ދީފައިވާނެ ކަމަށާއި އެ މުއްދަތުގައި އެކަންކަން ރަނގަޅު ނުކުރާނަމަ ރަށްތައް ހަވާލުކޮށްފައިވާ ފަރާތްތަކުގެ އަތުން ރަށްތައް ނެގޭނެ ކަމަށް މިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާއިރު އަދިވެސް އެރަށްތައް ދޫކޮށްފައިހުރީ ކީއްވެތޯ އާއި ދަނޑުވެރިކަމަށް އިތުރު ރަށްތައް ދެމުން ގެންދަނީ ކީއްވެތޯ މެމްބަރުން ވަނީ މިނިސްޓަރަށް ސުވާލު ކުރައްވާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ފަޅުރަށްތަކުގައި މަސައްކަތް ކުރަމުން އަންނަ ގޮތް މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އެގޮތަށް ބެލިއިރު މަސައްކަތް ނުކޮށް ހުރި ރަށްރަށުގައި ވަކި ބާވަތްތަކެއް ހެއްދުމަށް ހަވާލުކޮށްފައިވާ ކަމަށާއި އެބާވަތްތައް އެ ރަށްރަށުގައި ހެއްދުމަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މި މުއްދަތުގެ ތެރޭގައި މަސައްކަތް ނުކުރާ ކަމަށްވާނަމަ އެ ރަށްތައް އަތުލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެކި މަރުހަލާގައި ހުރި ރަށްތައް މިހުރީ. ވަރަށް ރަނގަޅަށް ހުރި ރަށްތައް އެބަހުރި. އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ރަށްރަށާއި ކޮންމެސް ވަރަކަށް މަސައްކަތްކުރާ ރަށްރަށާއި މިހުރީ. ކޮންމެ އެގްރިމެންޓެއްގައިވެސް ލިޔެފައިވޭ މިވެނި ވަރަކަށް ކަންކަން ތަބްފިޒުކުރަން. އެހެންނަމަވެސް މޮނިޓަރ ކުރަމުންމިދަނީ، އޭގެ ބޭނުމަކީ ރަށްތައް މިދެނީ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރަން. އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވަނީ. މިހާލަތުގައި ރަށްތަށް އަތުނުލާ އެގޮތަށް ވަކި މުއްދަތެއް ދީފައިމިވަނީ އެގޮތަށް ކަންތައްކޮށްފި ކަމަށްވާނަމަ ކޯޓު މަރުހަލާގައި ހުރިހާ ރަށްތަކެއް ތާށިވާނެ. އެހެންވީމާ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްކުރުމަށް އަންގާފައިވާނީ. އެމުއްދަތުގެ ތެރޭގައި މަސައްކަތްކޮށްފި ކަމަށްވާނަމަ އެރަށްތައް ވަތްކެއް ނުކުރެވޭނެ.މިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް 58 ރަށެއް މިހާރު ދޫކޮށްފައިވާ ކަމަށެވެ. އަދި މިފަހަކުން އިތުރު 6 ރަށެއް ދޫކޮށްފައިވާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް މަސައްކަތް ކުރަނީ ރާއްޖޭގެ ފުޑް ސެކިޔުރިޓީގެ ނިޒާމު ޚަރުދަނާ ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއީ ކާނާ ޔަގީންކުރުމަށް ކުރާ މަސައްކަތްރުުމަށްޓަކައި ހުޅުވާލެވިފައިވާ ރަށްތަކެއް. އެހެންވީމާ އުންމީދަކީ ރާއްޖޭގައި އުފެއްދޭ ބާވަތްތައް އިތުރުކޮށް ފުދުންތެރިކަން އިތުރުކުރުން. މިމަގްސަދު ހާސިލްކުރުމަށް މަސައްކަތްކުރަނީ. ކުރީގައި ރަށްތައް މޮނީޓަރ ކުރުމުގެ މަސައްކަތްކުރަމުންނެއް ނުދޭ. އެހެންނަމަވެސް މިހާރު ދަނީ މޮނިޓަރ ކޮށް މަސައްކަތް ނުކުރާކަމަށްވާނަމަ ރަށްތައް ވަކިކޮށް އެހެން ފަރާތްތަކަށް ފުރުސަތު ދެމުންމިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
މިނިސްޓަރގެ މިވާހަކަތަކާއި ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދަނޑުވެރިކަން ކުރުމަށް ރާއްޖޭގައި ރަށްތައް ދޫކުރަމުން އަންނަތާ ޔަގީނުން ވެސް 32 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް ޔަގީންކަމާއެކު ބުނަން އެނގޭ އެއްޗަކީ އެއީ ވިޔަފާރީގައި ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިނިސްޓްރީން ބެއްލެވިނަމަވެސް އަމިއްލަ ފަރާތަކުން ބެލިއަަސް އަދި ބޭންކަކުން ބެލިއަސް ދަނޑުވެރިކަމަށް ރާއްޖޭގައި ދޫކުރި އެއްވެސް ރަށަކީ އެއީ ދެކޮޅު ޖެހޭ ވިޔަފާރިއެއް ނޫން. އެހެންނޫން ރަށްތައް ދޫކޮށްފައި ހުރި ރިޒޯޓަށް. އެއީ ވަރަށް ދެކޮޅު ޖެހޭ ވިޔަފާރިއެއް. ދަނޑުވެރިމަން ކާމިޔާބު ކަމާއެކު ހިނގަނީ މީހުން ދިރިއުޅޭ ރަށްރަށުގައި. ތޮއްޑުއަށް ބެލިއަސް، ކާށިދޫއަށް ބެލިއަސް އެކަން ހިނގަނީ އެހެން. އަދި މަޖިލީހުން ކޮވިޑްގެ ހާލަތުގައި ސަރުކާރަށް ލަފާ އެރުވިއިރު މިކަމަށް ދިރާސާކުރެވި ފަޅުރަށްތައް އިތުރަށް ދޫކުރުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށް ވާނީ ބުނެފައި. އެކަން ދެކޮޅު ނުޖެހޭކަން އެއީ ސާފުކޮށް އެނގޭ ކަމެއް.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ކޮވިޑާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ކޮމިޓީތަކުން ވަނީ ސަރުކާރަށް ލަފާތަކެއް އަރުވާފައެވެ. އޭގައި ދަނޑުވެރިކަމާއި ގުޅޭގޮތުން އަރުވާފައިވާ އެއް ލަފައަކީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ރަށްރަށުން ބިން ދޫކުރުމުގެ އިންތިޒާމުތައް ކައުންސިލްތައް ހަމަޖެއްސުމެވެ.
ރާއްޖޭގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި އެނޫން މަސައްކަތްތައް ކުރާކަމުގެ ޝަކުވާ އަކީ އާންމުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އަދި އެކަން އެމަގުން ހިނގާތީ އެކަން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް މީގެކުރިން ބޭއްވި ޖަލްސާއެއްގައި މިނިސްޓަރ ޒަހާ ވަނީ ވިދާޅުވެފައެވެ.