މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން އެކުލަވާލަންޖެހޭ ހުރިހާ ގަވާއިދުތަކެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި ގަވާއިދުތަކާއި ބެހޭ މައުލޫމާތުތައް މަސްވެރިންނަށް ފޯރުކޮށްދެމުން އަންނަ ކަމަށް މިނިސްޓަރ އޮފް ފިޝަ ރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މި ގަވާއިދުތައް އޮތް ހިސާބާއި އެކަމާއި ގުޅޭގޮތުން މަސްވެރިން ހޭލުންތެރި ކުރުވުމަށް ކުރަމުންދާ މަސައްކަތްތާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނު ހިންގުމަށް މިނިސްޓްރީން ހަދަންޖެހޭ ހަތް ގަވާއިދު ހަދާ ގެޒެޓްކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
މި ގަވާއިދުތަކުގެ ތެރެއިން އެއް ގަވާއިދު އަދިވެސް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އެބައޮތް ކަމަށާއި އެއީ ރިސަރޗް ޕާމިޓް ގަވާއިދު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ނޫން ހުރިހާ ގަވާއިދެއް މިހާރު ގެޒެޓްކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ގަވާއިދުތަކުގެ ސަބަބުން މަސްވެރިން އިތުރަށް ނިކަމެތިވެގެން ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޒަހާ ވިދާޅުވީ، މި ގަވާއިދުތައް މަސްވެރިންނަށް އޮޅުންފިލުވައި ދިނުމުން ގަވާއިދުތަކާއި ގުޅިގެން މަސްވެރިން ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި އައު ގަވާއިދުތަކަށް މަސްވެރިން އަހުލުވެރިކުރުމުގެ ގޮތުން ރަށު ކައުންސިލްތައް މެދުވެރިކޮށް، އަދި ތަފާތު އެކިގޮތްގޮތަށް މަސްވެރިންނަށް މައުލޫމާތު ދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓްރީގެ ވެބްސައިޓްގައި އަދި ތަފާތު ސޯޝަލް މީޑިޔާ އެޕްލިކޭޝަންތައް މެދުވެރިކޮށް ތަފާތު ރަށްރަށުގެ ކައުންސިލްތަކާއެކީ މައުލޫމާތު ފެތުރުމަށް މަސައްކަތް ކޮށްފައިވާނެ. ގަވާއިދުތަކަށް ގެނައި ބަދަލުތައް މިސާލަކަށް ދަންނަވާނަމަ އެންވެރިކަން ވަކި ބަޔަކަށް ނޫނީ ނުކުރެވޭގޮތަށް އޮތުމަކީ މަސްވެރިންގެ ލާބަޔާއި މަންފާއަށް ކުރާކަމެއް. އެހެންވީމާ އެކަހަލަ ކަންކަން ތަފްސީލު ކޮށްދިނީމާ އެބޭފުޅުންގެ ކަންބޮޑުވުންތައް ނެތް އެކަމަކު.މިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައިވެސް ކައުންސިލްތައް މެދުވެރިކޮށް އަދި މަސްވެރިން މިނިސްޓްރީއަށް ގުޅުމުންވެސް އެ މައުލޫމާތުތައް މިނިސްޓްރީން ދެމުންގެންދާނެ ކަމަށެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ މެނޭޖްމެންޓް ޕްލޭންތައް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހަށް ނިންމަންޖެހޭއިރު އެކަން މިނިސްޓްރީން ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ޕްލޭންތައް މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެ ކަމަށާއި ޝާއިއުކުރުމަށްފަހު އެކަން އިއުލާންވެސް ކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޕްލޭންތަކަށް ގިނަ ފަރާތްތަކެއްގެ ޚިޔާލުތައް ލިބިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ވަރަށް ގިނަ ފަރާތްތަކެއް ޚާއްސަކޮށް ދޮށީގެ މެނޭޖްމަންޓް ޕްލޭނަށާއި ކަންނެލީގެ މެނޭޖްމަންޓް ޕްލޭނަށް ތަފާތު ފަރާތްތަކުން ޚިޔާލު ދެއްވި. އެހެންވީމާ އެޚިޔާލުތަކާއި އެއްގޮތަށް އެޕްލޭންތައް ބައްޓަން ކުރެވިގެންދާނީ. އެއް ޕްލޭން އަނެއް ޕްލޭނާއި ގުޅި ލާމެހިފައިވަނީ އެހެންވީމާ އެޕްލޭންތަކުގެ މަސައްކަތް ކުރިޔަށް އޮތްތަނުގައި ކޮށް ނިންމާނަން. މިޕްލޭންތައް އާންމުކުރީ އިނގިރޭސި ބަހުން. އެހެންނަމަވެސް މިހާރު ވާނީ ދިވެހި ބަހަށް ތަރުޖަމާކުރެވުނު ވަރަކުން ކޮށް ނިންމާ ވެބްސައިޓަށް އަޕްކޮށްފައިމިނިސްޓަރ އޮފް ފިޝްރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
މިނިސްޓަރ ވިދާޅުވީ މި ޕްލޭންތަކަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބަންޑާރަ ނައިބު އޮފީހުން ލަފާ ލިބިފައިވާކަމަށެވެ. އެހެންކަމުން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްފަހު ގެޒެޓްކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަސްވެރިކަން ފުޅާކޮށް ތަރައްޤީކުރުމަކީ މިސަރުކާރުގެ ވައުދަކަށް ވާއިރު އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެވި މަޖިލީހުން ވަނީ މިދިޔަ އަހަރު ފާސްކޮށްފައެވެ. އެހެންނަމަވެސް އެޤާނޫނުގެ ދަށުން މަސްވެރިކަމަށް އެދެވޭ ބަދަލުތަކެއް ނާންނާތީއާއި އަދި ވަކިން ޚާއްސަކޮށް އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ޤާނޫނުގައި ބުނާ މުއްދަތު ހަމަވިއިރުވެސް މިނިސްޓްރީން ހަދާފައިނުވާތީ މެމްބަރުން ވަނީ ވަރަށް ބޮޑަށް އެކަމުގެ ކަންބޮޑުވުން މީގެކުރިން މަޖިލީހުގެ ތަޅުމުގައި ފާޅުކޮށްފައެވެ. އަދި އެތައް މެމްބަރުންނެއްވަނީ މިނިސްޓަރ ޒަހާ އިސްތިއުފާދެއްވުމަށްވެސް ތަޅުމުގައި ގޮވާލައްވާފައެވެ.
މިނިސްޓަރ ޒަހާ މިކަމުގައި ވަޒީރުކަމުން ވަކިކުރުމާ ހަމައަށް ގޮސްފައިވަނިކޮށް ހަދަންޖެހޭ ގަވާއިދުތައް ހަދާފައިވާކަމަށް މިނިސްޓަރ މަޖިލީހަށް އެންގުމާއި ގުޅިގެން އިތުރު ފުރުސަތެއް މިނިސްޓަރަށް ދިނުމަށް މަޖިލީހުން ފަހުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް މަސްވެރިކަމުގެ އައު ގަވާއިދުތައް ގެޒެޓްކުރެވިގެން ދިޔައިރު އެކަމުގައި މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.