ކޮވިޑް-19 ގެ ސަބަބުން ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމަށް ފަހު އަލުން ހުޅުވާލުމުގެ ހުއްދަ ދޭއިރު، ގެސްޓްހައުސްތައް ހުޅުވާލާ ރަށްތަކުގައި މާސްކު އެޅުން މަޖުބޫރުކޮށްފިއެވެ.
ފަތުރުވެރިކަން އަލުން ފެށިގެން ކުރިއަށްދާއިރު، އަމަލު ކުރަން ޖެހޭ ގޮތުގެ މައުލޫމާތާއި އެކު އެކުލަވާލާފައިވާ ގައިޑްލައިން، ޕަބްލިކް ހެލްތު އިންޓަވެންޝަންސް ޓު ޕްރިވެންޓް ކޮވިޑް-19 ޓްރާންސްމިޝަން އިން ޓޫރިޒަމް ސެކްޓަރގެ އެންމެ ފަހުގެ ވަރޝަންގެ، ވަރޝަން 4 ގައި ވާގޮތުން، ފަތުރުވެރިންނަށް ހިދުމަތްދޭ މުވައްޒަފުންނާއި ރަށްރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިން ޓްރޭސްއެކީ އެޕް ބޭނުން ކުރަން ޖެހޭނެއެވެ.
ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އުޅޭ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުން ކުރެ ފަރާތެއް ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ދާންޖެހިއްޖެ ހާލަތެއްގައި އެ ފަރާތަކުން ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ގައިޑްލައިންގައިވެއެވެ.
މީގެ އިތުރުން ރަށްރަށަށް ގޮސް އުޅޭ ފަތުރުވެރިންނަށް ރަށުގެ އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ދިއުން މަނާ ވާއިރުގައި އާންމު ރައްޔިތުންގެ ގޮސް އުޅޭ ކެފޭ ރެސްޓޯރެންޓް ތަކުން ހިދުމަތް ހޯދަން ބޭނުންވާ ފަތުރުވެރިންނަށް ހިދުމަތް ދޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސަން ޖެހެއެވެ. ރަށުގެ އާންމު ފިހާރަތަކަށް ވެސް ފަތުރުވެރިންނަށް ހިދުމަތްދެވޭ އިރުގައި މި ހިދުމަތްތައް ފޯރުކޮށްދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަން ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންގައި ވަނީ އިލްތިމާސް ކޮށްފައެވެ.
ފަތުރުވެރިންނަށް ޓެކްސީގައި ދަތުރު ކުރެވޭނީ ޓެކްސީ ޑްރައިވަރާއި ޕަސިންޖަރުންނާއި ދެމެދު ޕާޓިޝަން ޖަހައިގެންނެވެ. އަދި ފެރީ ނުވަތަ ލޯންޗުގައި ހިދުމަތްދޭ ނަމަ ކޮންމެ ދަތުރަކަށްފަހު އެ އުޅަނދުފަހަރުގައި ގެންގުޅޭ ސާމާނު ޑިސްއިންފެކްޓް ކުރަން ޖެހޭ އިރު، އެ އުޅަދުފަހަރުން އަމަލުތައް ބަހައްޓަން ޖެހޭ ގޮތުގެ މެނިފެސްޓޯއެއް ގެންގުޅެން ޖެހެއެވެ.
ގިނަ މަސްތަކެއް ވަންދެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ހުޅުވުމުގެ މަސައްކަތްތައް ކުރަމުންދާ އިރު، ފަތުރުވެރިންނާއި އެފަރާތްތަކަށް ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
އެގޮތުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ފަތުރުންވެރިން ދަތުރު ކުރުން މަނާ އިރުގައި އެއް ރަށުން އަނެއް ރަށަށް ދިވެހިން އަދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރަށްރަށަށް ދަތުރު ކުރުމުގައި އަމަލު ކުރަން ޖެހޭ ގައިޑްލައިންގެ ދަށުން ރަށަކަށް ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.