ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ އިންޖީނުގެ ތަކުގެ ތެރެއިން މި އަންނަ އަހަރާ ހަމައަށް 50 އިންޖީނުގެ ބަދަލުކޮށް ނިމޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި ހުރި ބައު އިންޖީނުގެތައް ބަދަލު ކުރުމަށް ފެނަކައިން ފަށާފައިވާ މަޝްރޫއާއި ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އަންނަ އަހަރަށް އެއްކޮށް މަސައްކަތް ނިންމުމަށް ރާވާފައިވާ ކަމަށާއި، އެގޮތުން މަސައްކަތް އިތުރަށް ލަސް ނުވާނަމަ 50 އިންޖީނުގެއެއް ބަދަލު ކުރެވިގެންދާނެ ކަމަށެވެ. ސައީދު ވިދާޅުވީ މި މަސައްކަތާއެކު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.
"އިންޖީނުގެތައް ހިންގުމަށް ބޭނުންވާ ނެޓްވޯކް ވެސް އަޕްގްރޭޑް ކުރަމުން މިދަނީ. ސަރުކާރު ގެންނަން ކެމްޕެއިން ކުރި އިރު ރައީސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދުނީ މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނުގެ އެހެންތަނަކަށް ބަދަލުކުރަން. ދެން އަޅުގަނޑުމެން ވެރިކަމާއި ހަވާލުވެގެން ފެނައިކައިގެ ފައިލްތައް ބެލި އިރު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަދި އެޗްއާރުސީއެމް އިން މި މައްސަލައިގައި ހިމެނޭ ގިނަ އަދަދެއްގެ ސިޓީ ފޮނުވާފައި އެއަށް ޖަވާބު ދީފައި ނުވޭ،"ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ސައީދު ވިދާޅުވީ ބ. ހިތާދޫ، ށ. ފޯކައިދޫ އަދި ތ. އޮމަދޫ އަކީ މިގޮތުން ފާހަގަކޮށްލެވޭ ވަރަށް ހާލުދަށް އިންޖީނުގެ ހުރި ރަށްތައް ކަމަށާއި، އިންޖީނުގެ ބަދަލު ކުރުމުގެ މަސައްކަތް ކުރަން ޖެހުނީ އެކަމުގެ ސަބަބުން އާންމުންގެ އެތައް ހައްގަކަށް އަރައިގަނެވޭތީ ކަމަށެވެ.
"މި މަސައްކަތް ކުރަން ޖެހުނީ އިންޖީނުގެ ހިންގަފައި ހުރުމުގެ ސަބަބުން އެ ގޭގައި ހުންނަ މީހާ ފޯނުން ވާހަކަ ނުދެއްކޭ. ވާރޭ ފެން ނުނެގޭ. ވަޅުން ފެން ނުނެގޭ. އެރައް ހައްގަކުން މަހުރޫމް މި ކުރެވިގެންދަނީ. ރައީސްގެ ވަރަށް ބޮޑު ވައުދެއް މިއީ. 2 އަހަރު ތެރޭގައި ނިންމަން ގަސްދުކުރީ ނަމަވެސް މަސައްކަތްތައް ލަސްވެގެން ދިޔަ،"ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ސައީދު ވިދާޅުވީ ކުރަން ފެށި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި، 12 ރަށެއްގެ އިންޖީނުގެ ޒަމާނި އިންޖީނުގެއަށް ބަދަލު ކުރެވިއްޖެ ކަމަށެވެ. މީގެ އިތުރުން މި އަހަރުގެ ނިޔަލަށް 30 އިންޖީނުގެއެއް ބަދަލު ކުރަން އަމާޒު ހިފި ނަމަވެސް، ދިމާވި ލަސްތަކާއި ގުޅިގެން މި އަހަރު އެއްކޮށް މަސައްކަތް ނިންމާލެވޭނީ 28 ރަށުގައި ކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރު ނިމޭ އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހުރިހާ ބައު އިންޖީނުގެތައް ބަދަލުކޮށް ނިންމާނެ ކަމަށް ސައީދު ވިދާޅުވިއެވެ.