ނައިބްރައީސް ފައިސަލް ނަސީމް ވޯލްޑް މެންޓަލް ހެލްތް ޑޭ ގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މެންޓަލް ހެލްތް ޑޭއެވެ. މި ދުވަހުގެ ތަހުނިޔާ ފޮނުއްވައި ނައިބްރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ގެ މި ޙާލަތާއި ގުޅިގެން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި އެމީހެއްގެ ގާތް މީހުންނަށް އަޅާލުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާ ނައިބްރައީސް ވަނީ މި ދަނޑިވަޅުގައި އަމިއްލަ ނަފްސަށާއި، އެހެން މީހުންނަށްވެސް އޯގާތެރިވުމަށް އެދިވަޑައިގަންނަވާފައެވެ.
ނަފްސާނީ ދުޅަހެޔުކަން ދަމަހައްޓައި އެކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ ގޮތް މި ސަރުކާރުން ވަނީ ހަމަޖައްސަވާދީފައެވެ.
ކޮވިޑުގެ ސަބަބުން ނަފްސާނީ ގޮތުން ގިނަ މައްސަލަތައް ފެންމަތިވަމުންދާކަން ނައިބްރައީސް ފާހަގަ ކުރައްވާފައިވާއިރު، ކޮވިޑުގެ ސަބަބުން މިއަހަރުގެ ތެރޭގައި އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތަށް ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އެޕޮއިންޓްމަންޓް ހޯދުމަށް ގުޅާފައިވާ މިންވަރު ތިންގުނައަށް އިތުރުވެފައި ކަމަށް ޑޮކްޓަރުން މައުލޫމާތުދެއެވެ.