ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) ގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އަދުހަމް ވަނީ، މީގެކުރިން ދައުލަތުން އޭނާއަށް ހަމަޖައްސާދިން ގާނޫނީ ވަކީލާއެކު މި މައްސަލާގައި ކުރިއަށް ދިއުމުގެ ބަދަލުގައި، އަމިއްލައަށް ގާނޫނީ ވަކީލެއް އައްޔަން ކުރުމަށްފަހު، މައްސަލާގައި ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން ޤާނޫނީ ވަކީލެއް ހަމަޖެއްސުމަށް ޤާނޫނީ ވަކީލަކާއެކު ވާހަކަ ދެކެވެމުންދާ ކަމަށާއި، ތިން ދުވަސް ތެރޭގައި ވަކީލެއް ހަމަޖެހޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އަދުހަމު އޭރު ވަނީ ބުނެފައެވެ.
އެއާއެކު މި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވަނީ އަދުހަމަށް ގާނޫނީ ވަކީލެއް ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި ފަސް ދުވަސް ފަހުން، ވީއެންމެ އަވަހަކަށް މި މައްސަލައިގެ އަޑުއެހެއް ބޭއްވޭނެ ކަމަށް ގާޒީ އޭރު ވިދާޅުވިއެވެ. އެގޮތުން މި މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމުގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަކީ، ގާސިމް މަރާލުމާއި ގުޅިގެން، ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް އިއުތިރާފްވެފައިވާތީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެކެވެ.
ނަމަވެސް އެ ޝަރީއަތުގެ މަޖިލީހުގައި ކުރިން ވެފައިވާ އިއުތިރާފް އަދުހަމް އަނބުރާ ގެންގޮސް، އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. އެހެންކަމުން އަވަސް ނިޔާގެ ޝަރީއަތުގެ މަރުހަލާ އެވަނީ ނިމިފައެވެ. ދެން ކުރިއަށްދާނީ ޖިނާއީ އެހެން މައްސަލަތައްވެސް ކުރިއަށްދާގޮތަށް އިބްތިދާއީ އަޑުހެންތަކަށްފަހު، ޝަރީއަތުގެ އަޑު އަޑުއެހުންތަކެވެ. އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.