ކ. މާލެ
|
8 އޮކްޓޯބަރ 2020 | ބުރާސްފަތި 13:06
އަބުރު ޤާނޫނާއި ދެކޮޅަށް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
އަބުރު ޤާނޫނާއި ދެކޮޅަށް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
އަވަސް
އަބުރުގެ ޤާނޫނު އަލުން ވުޖޫދަށް ގެނައުން
"ނަމަކަށް އަބުރު ރައްކާތެރި ކުރުން، ކުރި ކަމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލުން"
މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން އެއީ އެކަމުގެ އެއް މިސާލު
ތަހުޒީބު ޤައުމުތަކުވެސް އަބުރާ ބެހުމަކީ މަދަނީ މައްސަލައެއް
މީޑިއާތަކުން ސަރުކާރުގެ ވާހަކަ ދެއްކުމަކީ އޭރު ސަރުކާރަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވުޖޫދަށް ގެނައި އަބުރުގެ ޤާނޫނަކީ އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ހެދިފައިވާ ޤާނޫނެއް ނަމަވެސް، އެ ޤާނޫނުގެ ދަށުން ކުރި ކަމަކީ ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

އައު ސަރުކާރު ވުޖޫދަށް އައުމާއެކު 22 ނޮވެމްބަރު 2018 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވަނީ އަބުރު ރައްކާތެރި ކުރުމާއި ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ޤާނޫނު ތަސްދީޤު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދި ޕްރެސިޑެންޓް އަހުމަދު އަބްދުﷲ އަފީފް ވަނީ ރައީސް ސޯލިޙު ވެރިކަމަށް ވަޑައިގެން އަބުރުގެ ޤާނޫނު އުވާލެއްވި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އަފީފް ވިދާޅުވީ، މި ޤާނޫނުގެ ސަބަބުން އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން މަނާވެގެން ދިޔަ ކަމަށެވެ.

އޭގެ އިތުރުން، އާންމު މަސްލަޙަތު ރައްކާތެރި ކުރުމާއި، ފިތުނަ ފަސާދަ ނައްތާލުމާއި، މިކަންކަމަށްވުރެ ބޮޑަށް ފެނިގެން ދިޔައީ އާންމުންނާއި މީޑިއާތަކުގެ މިނިވަންކަން ނަގާލަމުން ދިޔަ މަންޒަރުކަން ފާހަގަ ކުރައްވައި އަފީފް ވިދާޅުވީ، މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން އެއީ އެކަމުގެ އެއް މިސާލު ކަމަށެވެ.

ސަރުކާރު ހިތާ ނުވާ ހަމަ ކޮންމެ ވާހަކައެއް ދައްކާ މީހަކު ހިފާ ހައްޔަރު ކުރުމުގެ މަގު މި ޤާނޫނުން ކޮށާދިނީ، އެންމެ ކުޑަމިނުން މި ޤާނޫނަށް ބަލާއިރު ފާހަގަވާ އެއް ކަމަކީ މި ޤާނޫނުން ވަރަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައި އެބަހުރި، މިގޮތަށް ސަރުކާރުން މީޑިއާއެއް ނުވަތަ ނޫސްވެރިއަކު ޖޫރިމަނާކޮށްފިނަމަ އެންމެ ކުޑަމިނުން އެމީހާއަކަށް ނޯވޭ އެ ނިންމުން ހިފައިގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ދިއުމުގެ ޙައްޤުވެސް، އެ މިންވަރަށް ނޫސްވެރިކަމުގެ މިނިވަންކަމާއި ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށްފައި އޮތީ
ލީގަލް ކައުންސެލް ޓު ދި ޕްރެސިޑެންޓް އަހުމަދު އަބްދުﷲ އަފީފް

އޭގެ އިތުރުން، ތަހުޒީބު ޤައުމުތަކުވެސް އަބުރާ ބެހުމަކީ މަދަނީ މައްސަލައެއްކަން ފާހަގަ ކުރައްވައި އަފީފް ވިދާޅުވީ، އަބުރާ ބެހުމުގެ ޤާނޫނު އައުމުގެ ކުރިން ރާއްޖޭގައިވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.

އަފީފް ވިދާޅުވީ، އެމްއެމްޕީއާރްސީ ޙިޔާނާތުގެ ވާހަކައާއި، ރާއްޖޭގެ އަތޮޅެއް ބޭރުގެ ފަރާތަކަށް ވިއްކާލުމަށް ތައްޔާރުވަމުން ދިޔަ ވާހަކައިގެ އިތުރުން، ސަރުކާރުން އޭރު އިދިކޮޅު ފަރާތްތަކާމެދު އަމަލު ކުރި ގޮތާއި، އެފަދަ ވާހަކަތައް މީޑިއާތަކުން ދެއްކުމަކީ އޭރު ސަރުކާރަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.

އަބުރު ރައްކާތެރި ކުރުމާއި ޙިޔާލު ފާޅު ކުރުމުގެ ޤާނޫނަކީ ރައީސް ޔާމީނުގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހު ތަސްދީޤުކުރި ޤާނޫނެކެވެ. އެހެން ނަމަވެސް ރައީސް ސޯލިޙުގެ ސަރުކާރު ވުޖޫދަށް އައުމާއެކު ވަނީ އެ ޤާނޫނު އުވާލާފާއެވެ. އަދި މިހާރު ސަރުކާރުން ތައްޔާރު ވަމުން ދަނީ އަބުރު ރައްކާތެރި ކުރުމާއި ޙިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ގުޅޭގޮތުން ހެދިފައިވާ ޤާވާއިދަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް އައު ޤާނޫނެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރުމަށެވެ.

އެގޮތުން އަލަށް ވުޖޫދުވާ އަބުރުގެ ޤާނޫނުގައި މި ކުށް އޮންނާނީ މަދަނީ ކުށެއްގެ ގޮތުގައި ކަމަށާއި، މި ޤާނޫނުގެ ދަށުން ނޫސްވެރިންނަށް އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން ބަންޑާރަނައިބުގެ އޮފީހުން ވަނީ ދީފައެވެ.

- ކޮމެންޓް