ބުދަ ދުވަހު 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ 81 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާއި ހަމައަށް 35 މީހަކު ޕޮޒިޓިވްވެފައި ވާއިރު، މީގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 5 ބިދޭސީން ކަމަށެވެ. މީގެ ތެރެއިން 32 މީހުންނަކީ މާލޭ ސަރަހައްދުން ފެނެނު ކޭސްތަކެވެ. ބާކީ ތިން މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.
މިއާއެކު ރާއްޖެއިން ފެނުނު ކޮވިޑް ޕޮޒިޓިވް މީހުންގެ އަދަދަކީ 10،656 އެވެ. މީގެ ތެރެއިން 63 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 387 މީހެކެވެ. މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1068 އެވެ.
ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 9514 އަރާފައިވާ އިރު، މި ބަލީގައި ރާއްޖެއިން މަރުވެފައިވަނީ 34 މީހެކެވެ. އެންމެ ފަހުން މި ބަލީގައި މީހަކު މަރުވެގެން ރިޕޯޓް ކުރެވިފައިވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން، ސެޕްޓެމްބަރު މަހުގެ 21 ގައެވެ.
އަތޮޅުތެރޭގެ ކޭސްތަކަށް ބަލާ އިރު، މީހުން ދިރިއުޅޭ 21 ރަށަކުންނާއި 19 ރިސޯޓެއްގައި އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. 21 ރަށުން 60 ދިވެހިންނާއި، 65 ބިދޭސީން އެކްޓިވް ކޭސްގެ ތެރޭގައި ހިމެނެއެވެ. އަދި ރިސޯޓްތަކުން 10 ފަތުރުވެރިންނާއި 15 މުވައްޒަފުން ހިމެނެއެވެ.