ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 23:35
ބުދަ ދުވަހުގެ ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ބުދަ ދުވަހުގެ ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
އެއްވެ އުޅުމުގެ މިނިވަންކަން
ރޯގާގެ ބަލިމަޑުކަން ނެތް އިރެއްގައި އެއްވެ އުޅެވޭނެ: ރައީސް ނަޝީދު
އަބަދުވެސް އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަށް ޖާގަ އޮންނަން ޖެހޭނެ: ރައީސް ނަޝީދު
މި ހައްގު ހަނިވާގޮތަށް އޮތް އިސްލާހު އުވާލުމުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައި
ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވެފައިވާތީ ގިނަ ބައެއް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އެއްވެ އުޅުމުގެ މިނަވަންކަމަށް އަބަދުވެސް ތާއީދުކުރައްވާ ކަމަށާއި، ރޯގާގެ ބަލިމަޑުކަން ނެތް އިރެއްގައި އެއްވެ އުޅެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް މާއްދާ އިސްލާހުކުރަން ބާރު އަޅުއްވަންތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ މަޖިލީހުގެ އިދާރާގައި ބޭއްވެވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، އަބަދުވެސް އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޖާގަ އޮންނަން ޖެހޭނެ ކަމަށެވެ.

އަބަދުވެސް އެއްވެ އުޅުމަށާއި ހިޔާލު ފާޅުކުރުމަށް ޖާގަ އޮންނަން ޖެހޭނެ. އެއަކު އެއްވެސް ޝައްކެއް ނެތް އަދި އިނގިވަޑައިގަންނަވާނެ މިހާރު، އެމްޑީޕީ އަބަދުވެސް ސަރުކާރުގައި އޮންނަ އިރެއްގައި ތިބޭފުޅުންނަށް ހިޔާލު ފާޅުކުރެއްވޭނެ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހިޔާލު ފާޅުކުރެވޭނެ. އަދި މި ރޯގާގެ ބަލިމަޑުކަން އިރާދަކުރައްވައިގެން ނެތޭ އިރެއްގައި އެއްވެވެސް އުޅެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއްވެސް ބޭއްވޭނީ ފުލުހުން ދޭ ހުއްދައަކާއެކު، ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. މި އިސްލާހު އުވާލަން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ. އަދި މަޖިލީހުން ވަނީ މި ކުއްލި މައްސަލަ ބަލައިގެންފައެވެ.

މި އިސްލާޙު އުވާލަން ހުށައަޅާފައިވާ މައްސަލަ ކޮމިޓީ މަރުހަލާގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލުތަކަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކަމަށެެވެ. އަދި ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާ މަސައްކަތްތަކަކީ ސަރުކާރު އައުމުގެ ކުރިން ޕާޓީތަކުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ގުޅޭ ކަމެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މަޖިލީހުން އިސްކަން ދޭނީ އެކަމަށް ކަމަށެވެ.

ކޮމިޓީގައި މަރުހަލާގައި މި މައްސަލަ އޮތުމުން އެކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ ފުލުހުންގެ ބިލުގެ މަސައްކަތާއި އިންތިގާލީ އިންސާފުގެ ބިލުގެ މަސައްކަތް ކަމަށެވެ. އެހެންނަމަވެސް، ކޮމިޓީގައި ހުރި އެހެނިހެން މަސައްކަތްތައްވެސް، މި ދައުރު ނިމުމުގެ ކުރިން ނިންމާލުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް މާއްދާ އުވާލަން މި ސަރުކާރުންނާއި، އެކަމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލި އެމްޑީޕީގެ މަޖިލީސް މަސައްކަތްނުކުރާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މި މާއްދާ އިސްލާހުނުކޮށް ބާއްވަން ތާއީދުކުރާ ފަދަ މޭރުމަކުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ފުލުހުންގެ އިސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވާފައި ވެއެވެ.

- ކޮމެންޓް