މާލެ ސިޓީ ކައުންސިލްގެ ރަސްމީ އެއްވެސް ބައްދަލުވުމެއްގައި އެމްޑީޕީގެ ފަރާތުން ޕާޓީގެ ނައިބު ރައީސް އާއި ޗެއަރޕާސަން ބައިވެރިވުމަށް ހުށަހަޅާފައި ނުވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލުން ކުރިއަށްގެންދާ ބައްދަލުވުންތަކުގައި އެމްޑީޕީގެ ފަރާތުން ލަފާ އާއި މަޝްވަރާ ދިނުމަށް ޗެއަރޕާސަން އާއި ނައިބު ރައީސް ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިކުރުމަށް ކައުންސިލުގެ ބައްދަލުވުމުން ފާސް ނުވި ކަމަށް ބުނެ އާންމުކޮށްފައިވާ ހަބަރާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޗެއާރ ޕާސަން ހަސަން ލަތީފް ވިދާޅުވީ، ސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެދިފައި ވާނީ ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެމްޑީޕީގެ ފަރާތުން ކައުންސިލަށް ބޭނުންވާ އެހީތެރިކަން އެކި ގޮތްގޮތުން ފޯރުކޮށްދިނުމަށް ފާސްކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ކައުންސިލްގެ ރަސްމީ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވުމަށް އެދިފައި ނުވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރެއްގައި ޕާޓީގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމަކީ ސިޓީ ކައުންސިލުން ބަލައިގަންނަ ކަމަކަށް ވާނަމަ އެކަމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށް ދެކި ވަޑައިގަންނަވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
މިސާލަކަށް ޕާޓީގެ އެބަތިއްބޭ އެކި ކަންކަމުގަ އެހީވެދެވޭނެ ޓެކްނިކަލް ބޭފުޅުން. އެނގިވަޑައިގަންނަވާނެ އެމްޑީޕީއަކީ އެތައް ބައިވަރު މެންބަރުން ތިބި ޕާޓީއެއް. އެކި ކަހަލަ ފަންނީ މަސައްކަތްތެރިން އެބަތިބި. އަޅުގަނޑުމެން އެއްވެސް ވަރަކަށް ނޭދެން އެބޭފުޅުންގެ ރަސްމީ ޖަލްސާއެއް ނޫންނަމަ ބައްދަލުވުމެއްގައި ބައިވެރިވާކަށް. އެމްޑީޕީގެ ފަރާތުން ބޭނުންވަނީ ފުރިހަމަ އެއްބާރުލުން ދީގެން ކައުންސިލް ވެސް ހިންގަން. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލަކަށްވާއިރު ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްތައް ދިނުން.އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް
ސިޓީ ކައުންސިލްގެ ބައްދަލުވުންތަކުގައި އެމްޑީޕީގެ ޗެއަރޕާސަން އާއި ނައިބު ރައީސް ބައިވެރި ކުރުމަށް ކައުންސިލުގެ ބައްދަލުވުމުން ނުފެންނަ ކަމަށް ނިންމާފައި ވަނީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި އެ ކައުންސިލްގެ މެންބަރުންގެ އިއްތިފާގުންނެވެ.
ކައުންސިލްގެ ނިންމުމުގައި ބުނެފައި ވަނީ، އެމްޑީޕީގެ ފަރާތުން ކައުންސިލަށް ލަފަޔާއި މަޝްވަރާ ދިނުމަކީ މިހާރު ވެސް އޮތް ފުރުސަތަކަށްވާއިރު، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދޭން ކައުންސިލް ތައްޔާރަށް އޮތް ކަމަށެވެ.