ކޮވިޑް-19 ވެކްސިނެއް އުފެއްދުމާއެކު ރާއްޖެއަށް ވެކްސިން ލިބުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެކްސިން ހޯދުމުގެ ކަންކަން އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިހުރިތޯ މިނިސްޓަރު އަރިހުން ސުވާލުކުރެއްވީ ހޯރަފުށި ދާއިރާގެ މެމްބަރ އަހަމަދު ސަލީމެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ވެކްސިން ހޯދުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ބައިނަލްއަގްވާމީ ޖަމިއްޔާތައް ގުޅިގެން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީގައި ރާއްޖެއިންވެސް ބައިވެރިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވެކްސް އަކީ ހަމަހަމަކަމާއެކު ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯއިން ގާއިމު ކޮށްފައިވާ ފެސިލިޓީއެކެވެ. މި ވަގުތު ކޮވެކްސް ގްލޯބަލް ވެކްސިން ފެސިލިޓީގައި ނުވަ ވެކްސިނެއް ހިމެނެއެވެ. އެ ވެކްސިންތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު އަންނަ އަހަރު ނިމެންވާއިރު ކޮވެކްސް މެދުވެރިކޮށް ދެ ބިލިއަން ޑޯޒް ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސިލިޓީގައި ބައިވެރިވާ ހުރިހާ ގައުމަކަށް ވެކްސިނެއް އުފެއްދުމާއެކު އެ ގައުމެއްގެ އާބާދީގެ 20 އިންސައްތައަށް ވާވަރަށް ޑޯޒް ލިބިގެންދާނެއެވެ. މިނިސްޓަރ ވިދާޅުވީ ކޮވެކްސް ފެސިލިޓީގެ ކަންތަކުގައި ވޯރލްޑް ބޭންކާ އެކުވެސް ވާހަކަ ދައްކަމުން އަންނަކަމަށެވެ.
ވޯރލްޑް ބޭންކުގެ ކޮމިޓްމެންޓެއް އެބައޮތް ވެކްސިން މާކެޓަށް އައުމާއެކު އަޅުގަނޑުމެންނަށްވެސް އެ ފުރުސަތު ހޯދައިދޭން އެބޭފުޅުންވެސް އިންވެސްޓް ކުރަމުން ގެނދާނެކަމަަށް.ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ކޮވިޑް-19 އަށް އުފައްދާ ވެކްސިން ފަގީރު ގައުމުތަކަށާއި ތަރައްޤީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް 12 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށް ވޯރލްޑް ބޭންކުގެ ބޯޑުން ހުއްދަނެގުމަށް އެދޭނެކަމަށް ވޯރލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕަސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
މުޅި ދުނިޔޭގައި މިހާރުވެސް 170ށް ވުރެ ގިނަ ވެކްސިން ކޮވިޑް-19 އަށް އުފައްދަމުން އަންނައިރު މީގެތެރެއިން ރަޖިސްޓްރީކޮށްގެން ބޭނުންކުރަމުން އަންނަނީ ރަޝިޔާއިން އުފެއްދި ވެކްސިނެވެ. މީގެ އިތުރުން ޗައިނާއިން އަންނަނީ އެ ގައުމުން އުފައްދާ ވެކްސިންތައް އެގައުމުގެ އާބާދީއަށް ދެމުންނެވެ. އެހެންނަމަވެެސް އެއްވެސް ވެކްސިނެއް އަދި މާކެޓަށް ނެރެފައެއްނުވެއެވެ.