ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އާއި ޗައިނާ ސަރުކާރާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި ސުވާލު ކުރައްވަމުން ދިވެހި ސަރުކާރާއި ޗައިނާ އާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވިއެވެ. އެއަަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިވަގުތު ހިނގަމުންދާ ފްރީ ޓްރޭޑް އެގްރިމެންޓެއް އޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެއީ މިހާރު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކޮށްފައި އޮތަސް އެއަށް އަމަލު ކުރަމުން ދާނީ އެކަމާއި ގުޅޭ ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ހަދައިގެން ކަމަށްވާތީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިހާރި އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އެ އޮޕަރޭޝަނަލައިޒް ވާނީ މިމަޖިލީހުން އިތުރު ގުޅޭ ޤާނޫނުތަކެއް ހަދައިގެން. އެއީ މަޖިލީހުގެ ޒިންމާއެއް. އަދި މިހާތަނަށް ބެލިބެލުމުގައި މަސްވެރިންނަށް މިއެފްޓީއޭގެ ދަށުން މާބޮޑު ފައިދާއެއް ނުވާކަން ފާހަގަވޭ.ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ވިދާޅުވީ ވަޒީރު ފާހަގަކުރެއްވި ގޮތަށް ޗައިނާ އާއި ރާއްޖެ އާ ދެެމެދު ހެދިފައިވާ ފްރީ ޓްރޭޑް އެގްރިމެންޓެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ވިދާޅުވަނީ އެގްރިމަންޓްގެ އަރޓިކަލް ނަންބަރު 165ށް ހަވާލާ ދެއްވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ 165 ގައި ބުނަނީ އެގްރިމަންޓް އުފެދޭތާ 30 ދުވަހުގެ ތެރޭގައި ދެ ފަރާތުން އެތެރޭގައި ހުރި އެގްރިމެންޓްތައް ޤާނޫނުތައް ނިންމައި އެ ޤާނޫނުތަކުގެ މައުލޫމާތު ދެ ފަރާތުގެ ދެމެދުގައި ބަދަލުވާން ޖެހޭ ކަމަށެވެ. އެގްރިމަންޓަކަށް ބަދަލު ވެގެންދަނީ އެ މައުލޫމާތުތައް ބަދަލު ކުރުމަށްފަހު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދެގައުމުގެ ދޭތެރޭގައި މި އެއްބަސްވުން ވެފައިއޮތީ އެއަށްފަހު އަދި އެތައް މަސައްކަތެއް ކުރާގޮތަށް. މެމްބަރަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން ކުޑަކޮށްވެސް މިކަން ކުރިޔަށް ގެންދަވަން ނުހުންނެވީތީ އެއް މަހެއް ނޫން، ދެ މަހެއް ނޫން އެތައް މަހެއް ވީއިރުވެސް އަޅައެއް ނުލެއްވި. މެމްބަރަށް އެނގިވަޑައިގަންނަވާނެ ދިވެހި ވެރިންނަކީ ހިކުމަތްތެރި ބައެއް. ބައެއް ފަހަރު ބައެއް ބާވަތުގެ އެގްރިމަންޓްތައް އޭގެ ތަފްސީލަށް ވަޑައިނުގަންނަވާ މަތިމަތިން ބާއްވާ. މިއެގްރިމަންޓްކީ އެފަދަ އެގްރިމަންޓެއް.ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު
ޗައިނާ އާއި ރާއްޖެ އާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރިމަންޓަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ މީގެކުރިން ވެސް ވާހަކަދައްކަވާ ބޭފުޅަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވަނީ މީގެކުރިން ރާއްޖެ އާއި ޗައިނާ ދެމެދު ގާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.