ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވަގުތީ މަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޮވުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން އަމަލުކޮށްފައިވާ ގޮތުން އެމަސައްކަތުގައި އުޅޭ ގިނަ ބަޔެއްގެ ހައްގުތައް ގެއްލޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޮވޮންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެކަން ހިނގާފައިވާ ގޮތް ބެލުމަށް އެ ކޮމިޓީން ނިންމައިފިއެވެ.
އެސްއޯއީ ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ މައްސަލަ ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދެވެ. މައްސަލަ ހުށަހަޅުއްވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ މިކަމުގައި އަމަލުކޮށްފައިވާ ގޮތުން ބައެއްގެ ހައްގުތައް ގެއްލޭ ކަމަށް ބުނެ އެކަމުގައި އުޅޭ ބައެއް މީހުން އޭނާ އަށް ބައްދަލުކޮށް އެކަމުގެ ޝަކުވާކޮށްފައިވާ ކަމަށެވެ.
މަޖިލިސް ކައިރިންވެސް އަޅިގަނދާ ބައްދަލުކޮށްފައި އެވާހަކަދެއްކި އެމީހުން. އެޗްޑީސީއާވެސް ވާހަކަދެއްކި އެހެންނަމަވެސް އެޗްޑީސީން ކަންކޮށްފައިވާ ގޮތަކީ ގުރުއަތެއް ލައިގެން ދެނީ މަސް ކަނޑާ މީހާއަށް މުޅި މާރުކޭޓް ދިނީމާ މަސް ވިއްކަން ތިބި އެއްވެސް ބަޔަކު ނުވައްދާ މަސްކަނޑާ މީހާ މުޅި ތަނަށް ވެރިވެގެން އުޅޭނީ . އެހެންވީމާ އެމައްސަލަ އަދި ހައްލެއް ނާދޭ.މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު
އިބްރާހީމް ރަޝީދު ވިދާޅުވީ ބަޔަކާއި ހަވާލުކޮށްފައި އޮތީ ކޮންޓްރެކްޓް ކޮށްގެން ކަމަށެވެ. އެހެންނަމަވެސް މިކަމުގައި ޝާމިލްވާ ފަރާތްތަކަށް ވެސް ހައްލެއް ލިބޭގޮތަށް މިކަން ނިމެން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
އިބްރާހީމް ރަޝީދު މައްސަލަ ހުށަހެޅުއްވުމުން ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ އެކަމާއި ގުޅިގެން ލިޔުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ވަގުތީ މަސްމާރުކޭޓްގައި މަސް ވިއްކަމުންދާ 9 މީހަކު ސޮއިކޮށް ފޮނުވާފައިވާ ލިޔުމުގައި މިކަމުގައި ވީގާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ލިބޭގޮތަށް ކަންކަން ހަމަޖެހިގެން ދިޔުމަށް އެދިފައިވާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.
އެލިޔުމުގައި އިންނަނީ ހުޅުމާލެ މަސްމާރުކޭޓްގެ މިހާތަނަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން އައި އެތަކެއް ފަރާތްތަކެއް އެބަވެއޭ. ނަމަވެސް އެޗްޑީސީން ވަނީ 01 އޮކްޓޯބަރ ގައި 03 އޮކްޓޯބަރ ގެ ނިޔަލަށް ތަން ހުސްކުރަން އަންގާފައި. ނަމަވެސް މިހާލަތުގައި ތަން ހުސްކުރުމަކީ އަހަރުމެން ނަޒަރުގައި އެންމެ އެދެވޭ ކަމެއް ނޫން. އެހެންވީމާ ތިރީގައިމިވާ މީހުންގެ އެދުމަކީ މިކަން މިވަގުތު މަޑުޖައްސާލުމަށްފަހު ވީހާ ގިނަ ފަރާތްތަކަށް ފުރުސަތު ލިބޭނެ ގޮތެއް ހޯދައިދިނުން.ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު
އެހެންކަމުން ކޮމިޓީން ނިންމީ މިކަން ހިނގާފައިވާ ގޮތް އެޗްޑީސީން ސާފުކޮށް މިކަމުގައި އެޗްޑީސިން ގެންގުޅޭ ޕްލޭނަކީ ކޮބައިތޯ ސާފު ކުރުމަށެވެ.
ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ވަގުތީ މަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޮވުމުގައި އަމަލު ކޮށްފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް އެޗްޑީސީން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ވަގުތީ މަސް މާރުކޭޓު އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާނެ ފަރާތެއް ހޯދުމަށް އެ ކޯޕަރޭޝަނުން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ވަގުތީ މަސް މާރުކޭޓު ހިންގާނެ ފަރާތެއްވަނީ 12 އޮގަސްޓް 2020 ގައި ކަނޑައަޅައި އިއުލާން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، އެކަމަށް ކުރިމަތިލި ފަރާތްތަކުން ހުށަހެޅި ފޯމު ބަލައިގަތުމާއި ގުރުއަތުލުމުގެ އެންމެހައި ކަންކަން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދިޔައީ ހާޒިރުވެ ތިބި އެންމެހާ ފަރާތްތަކުގެ ކުރިމަތީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ގުރުއަތުލުމުގެ ކަންކަން ގެންދިޔަ ގޮތާމެދު ހާޒިރުވެފައިވާ އެއްވެސް ފަރާތަކުން ޝަކުވާއެއް އެވަގުތު ހުށަހަޅާފައި ނުވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ގުރުއަތުން ހޮވުނު ފަރާތާ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ހިންގުން ހަވާލު ކުރުމާ ގުޅިގެން، ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އެކަންކަމަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން މަސް މާރުކޭޓު ހިންގުމަށް ހޮވުނު ފަރާތް ހިމެނޭ ގޮތަށް މަސް މާރުކޭޓުގައި މަސް ވިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު، އެކި ފަހަރުގެ މަތިން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަަމަށެވެ.
އެޗްޑީސީން ބުނީ މިހާރު މަސް މާރުކޭޓުގައި މަސް ވިއްކުމުގައި ޙަރަކާތްތެރިވާ ވީހާވެސް ގިނަ ފަރާތްތަކަށް މަސް މާރުކޭޓު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މަސް މާރުކޭޓު ހިންގުމަށް ހަވާލު ކުރެވުނު ފަރާތާއެކު މަޝްވަރާކޮށް، މަސް މާރުކޭޓުގައި މިހާރު ހުރި އަށިތައް ބޭނުން ކުރާނޭ ވަކި އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އިތުރު 3 އަށި މަސް މާރުކޭޓަށް އެޗްޑީސީގެ ފަރާތުން އިތުރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޕްރޭޝަނުން ބުނެއެވެ.