ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވަގުތީ މަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޮވުމުގައި އަމަލުކޮށްފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ވަގުތީ މަސްމާރުކޭޓު އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާނެ ފަރާތެއް ހޯދުމަށް އެ ކޯޕަރޭޝަނުން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ވަގުތީ މަސް މާރުކޭޓު ހިންގާނެ ފަރާތެއްވަނީ 12 އޮގަސްޓް 2020 ގައި ކަނޑައަޅައި އިއުލާން ކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މަސްމާރުކޭޓު ހިންގާނޭ ފަރާތެއް ހޮވުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން މަސް މާރުކޭޓުގައި މަސް ވިއްކާ ބައެއް ފަރާތްތަކާއި ރައްޔިތުންގެ ތެރެއިން ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ވަގުތީ މަސް މާރުކޭޓު ހިންގާނޭ ފަރާތެއް ހޯދުމަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ޖުލައި މަހުގެ ތެރޭގައި ފުރުސަތު ހުޅުވާލެވުނު ކަމަށެވެ.
މި އިއުލާނާއެކު ވަގުތީ މަސް މާރުކޭޓާ ގުޅޭ މައުލޫމާތު ކަރުދާހާއި، މަސް މާރުކޭޓުގެ ކުރެހުމާއި، މަސް މާރުކޭޓު ހިންގާނެގޮތުގެ އުސޫލާއި ގަވާއިދު އަދި މަސް މާރުކޭޓު ހިންގުމަށް އެދި ހުށަހަޅާ ފޯމު ވަނީ ޝާއިއުކޮށްފައިވާ ކަމަށެވެ. އަދި މި އިއުލާނުގައި މަސް މާރުކޭޓު ހިންގާނެ ފަރާތެއް ކަނޑައަޅާނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް ވެސް އާއްމުކޮށް އަންގާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތުގައި ވީހާވެސް ގިނަ ފަރާތްތަކަށް ކުރިމަތި ލެވޭނޭ މަގު ތަނަވަސްކޮށް ދިނުމުގެ ގޮތުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ 100 އިންސައްތަ ދިވެހި ކޮންމެ ވިޔަފާރިއަކަށް ކުރިމަތި ލެވޭ ގޮތަށް ހުޅުވާލި ކަމަށެވެ. އެގޮތުން ކުރިމަތިލާ ފަރާތަކީ، އެޗްޑީސީއަށް އެއްވެސް ފައިސާއެއް ދައްކަންޖެހި އެ ފައިސާ ނުދައްކާވާ ފަރާތެއްކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވާ ކަަމަށް އެކޯޕްރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ މަސް މާރުކެޓު ހިންގުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ދެވިފައިވަނީ 2020 އޮގަސްޓް 12 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަަމަށެވެ. ސުންގަޑި ހަމަވުމާއެކު ހުރިހާ ފޯމުތައް ބަލައިގަނެ، އޭގެ 15 މިނެޓު ފަހުން ހުށަހެޅުނު ސިޓީ އުރަތައް ހުޅުވައި، ހުށަހަޅާފައިވާ ލިޔެކިއުންތައް ފުރިހަމަތޯ ބެލުމަށްފަހު، އެކަން ފޯމު ހުށަހެޅި ފަރާތްތަކުގެ ކުރިމަތީގައި އިޢުލާނުކޮށް ނިންމި ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ އުސޫލުން ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ނެގުނު ކަމަށާއި، މަސް މާރުކޭޓު ހިންގުމަށް ގުރުއަތުން ހޮވުނު ފަރާތް ފިޔަވައި، އިތުރު ތިން ފަރާތެއްގެ ނަން ހިމެނޭ އިންތިޒާރީ ލިސްޓެއް ވެސް ގުރުއަތުން ނެގުނު ކަމަށެވެ. އަދި ގުރުއަތަށްފަހު، މަސްމާރުކޭޓު ހިންގުމަށް ހޮވުނު ފަރާތްތަކާއެކު ފޯމު ހުށަހެޅި ހުރިހާ ފަރާތްތައް ހިމެނޭ ލިސްޓު ކޯޕަރޭޝަނުގެ ވެބްސައިޓްގައި 2020 އޯގަސްޓް 12 ވަނަ ދުވަހު ޝާއިއު ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލޭ ވަގުތީ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، އެކަމަށް ކުރިމަތިލި ފަރާތްތަކުން ހުށަހެޅި ފޯމު ބަލައިގަތުމާއި ގުރުއަތުލުމުގެ އެންމެހައި ކަންކަން އެކޯޕަރޭޝަނުން ކުރިއަށް ގެންދިޔައީ ހާޒިރުވެ ތިބި އެންމެހާ ފަރާތްތަކުގެ ކުރިމަތީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
ގުރުއަތުލުމުގެ ކަންކަން ގެންދިޔަ ގޮތާމެދު ހާޒިރުވެފައިވާ އެއްވެސް ފަރާތަކުން ޝަކުވާއެއް އެވަގުތު ހުށަހަޅާފައި ނުވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ ގުރުއަތުން ހޮވުނު ފަރާތާ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވަގުތީ މަސް މާރުކޭޓު ހިންގުން ހަވާލު ކުރުމާ ގުޅިގެން، ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އެކަންކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މަސް މާރުކޭޓު ހިންގުމަށް ހޮވުނުފަރާތް ހިމެނޭ ގޮތަށް މަސް މާރުކޭޓުގައި މަސްވިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު، އެކި ފަހަރުގެ މަތިން ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާ ކަަމަށެވެ.
އެޗްޑީސީން ބުނީ މިހާރު މަސް މާރުކޭޓުގައި މަސް ވިއްކުމުގައި ޙަރަކާތްތެރިވާ ވީހާވެސް ގިނަ ފަރާތްތަކަށް މަސްމާރުކޭޓު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މަސް މާރުކޭޓު ހިންގުމަށް ހަވާލު ކުރެވުނު ފަރާތާއެކު މަޝްވަރާކޮށް، މަސް މާރުކޭޓުގައި މިހާރު ހުރި އަށިތައް ބޭނުން ކުރާނޭ ވަކި އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އިތުރު 3 އަށި މަސް މާރުކޭޓަށް އެޗްޑީސީގެ ފަރާތުން އިތުރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެކޯޕްރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ ވަގުތީ މަސް މާރުކޭޓު ހިންގާނެ ފަރާތެއް ހޮވުމުގައި އަމަލުކޮށްފައިވާނީ، އުޞޫލުތަކާ އެއްގޮތަށް ކުރިން އިއުލާނުކޮށްފައިވާ ގޮތުގެ މަތިން ކަމަށާއި، މިފަދަ ވަގުތީ މަސް މާރުކޭޓެއް ދެމެހެއްޓެނެވި ގޮތެއްގައި ހިންގައި ބެލެހެއްޓޭނީ އެންމެ ފަރާތަކާ ހަވާލުކޮށްގެން ކަމަށެވެ. އަބަދުވެސް މަސައްކަތް ކުރަނީ މަސް މާރުކޭޓު ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުގެ އިތުރުން، މަސް މާރުކޭޓު ބޭނުންކުރާ ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގައި ވަގުތީ މަސް މާރުކޭޓެއް ހިންގުމުގެ މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ތާޒާކަމާއެކު ކަނޑުމަހުގެ ބާވަތްތައް ލިބުމުގައި ހުރި ގޮންޖެހުންތަކަށް ލުޔެއްހޯދައި ދިނުމުގެ ގޮތުންނާއި ސާފުތާހިރުކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ކަނޑުމަހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމެވެ.