އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އެސިޓީއަށް ދިޔަ މީހުން ކަރަންޓީންގެ އަމުރާ ހިލާފުވެފައިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ 30 ސެޕްޓެންބަރުގައި މަސައްކަތަކަށް އެ ރަށަށް އިންޑިއާ އިން ގޮސްތިބި އިންޑިއާގެ 128 މީހުންގެ ރިލީސް ސާންޕަލް ނެގިއިރު 53 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެތަނުގައި ސެކިއުރިޓީ ގަރޑް 2 އޮކްޓޫބަރުގައި ޕޮޒިޓިވްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެ އެކެޑެމީގެ މަސައްކަތަށް އައި މީހުންގެ ތެރެއިން ކަރަންޓީންގައި ތިބި 128 މީހުންގެ އިތުރުން އެހެން ދުވަހަކު އައްޑޫއަށް އެކުންފުނީގެ 8 މީހުން އައިސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ވެސް އެކަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ދެން ޕޮޒިޓިވްވެފައިވަނީ އެ އެކެޑެމީގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ.
ސެކިއުރިޓީގާރޑްގެ އެކޮމޮޑޭޝަން މިހުންނަނީ އެކޮންޕެނީގެ މެއިން ވޯރކްސް ސައިޓްގައި މި ކަރަންޓީންވެފަ މިމަސައްކަތް ތެރެއިން ތިބި ތަނާ ދުރުގަ ހުންނަތަނެއްގަ. މިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުމާއެކު ވޯކްސް ސައިޓް ވެސް ވަނީ 1 އޮކްޓޫބަރުން ފެށިގެން މޮނިޓަރިންނަށް ލެވިފައި. އަދި އެސައިޓްގައިވާ ހުރިހާ މަސައްކަތް ކުރާ 230 އެބަތިބި. އެމީހުންގެ އެންމެންގެ ސާންޕަލްތައް ވެސް ނެގިގެން ޓެސްޓު ކުރެވުނު. 230 ލޭބަރސްގެ ތެރެއިން މިހާތަނަށް ޓެސްޓުކޮށް ނިމުނު ސާންޕަލްތަކުން އެކަކު މިވަނި ޕޮޒިޓިްވެފައި. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީނާ ވެސް މިކަރަންޓީން ސައިޓަށް ކޮންމެވެސް ވަރަކަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބެނ.'އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ނެގުނު 377 ސާންޕަލްގެ ތެރެއިން ޖުމްލަ 56 ސާންޕަލްއެއް ޕޮޒިޓިވްވެފައިވާ ކަމަށާއި 85 ސާންޕަލެއް ނެގެޓިވްވެފައިވާ ކަމަށެވެ. އަދި 74 ސާންޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިކޭސްގެ އިތުރު ތަފްސީލްތައް ލިބުނު ވަރަކަށް ވޯކް ސައިޓްގެ އިތުރުން މަސައްކަތް ކުރާ ތަނުގެ ބައެއް މީހުން ތިބި ބައެއް ތަންތަން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ކަރަންޓީން އުސޫލާ ހިފާލުވެފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް ބެލިބެލުން ޕޮޒިޓިވްވެފައިވަނީ ކަރަންޓީންގައި ތިބި މީހުންނާއި ލިންކް ވެފައިވާ ތިބި މީހުން ކަމަށެވެ. އަދި މިހާރު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.