މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލާގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އިއުތިރާފް ވުމާގުޅިގެން، ކުށް ސާބިތުވާކަމަށް ނިންމައި، 20 އަހަރަށް ޖަލަށްލުމާއެކު 2 މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އިއުތިރާފްގެ އެއްބަސްވުމާއެކު އަދީބުގެ މައްޗަށް ކުރި ދައުވާތަކާއި ގުޅިގެން ކުށުގެ އަދަބުތަކުގެ ގޮތުގައި ޖުމްލަ 20 އަހަރަށް ޖަލަށްލުމާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވެއެވެ. އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވަނީ އެހުރިހާ މައްސަލަތަކެއް އެކުލެވޭގޮތަށް ޖުމްލަ 7 ދައުވާއެވެ.
އަދީބުގެ މައްޗަށް ކުރި ދައުވާތަކާއި އަދަބުތައް:
- ޚިޔާނާތްތެރިވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް
- ޚިޔާނާތްތެރިވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުން
- މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 6 މަސް ދުވަހަށް ޖަލަށްލުން
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން: 3 މަހަށް ޖަލަށްލުން
- މަނީ ލޯންޑަރ ކުރުން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއެކު 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުން
- މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 1 މަހާއި 15 ދުވަހަށް ޖަލަށްލުން
- މަނީ ލޯންޑަރ ކުރުން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއެކު 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުން.
މަނީ ލޯންޑަރިންގެ ދެ ދައުވާއާ ގުޅިގެން އަދީބު 2 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާތީ އެފައިސާ، 5 އޮކްޓޯބަރު 2020 (މިއަދު) ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކާ ހަލާސް ކުރުމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން، ގިނަ ރަށްތަކަކާއި ފަޅުތަކެއް ކުއްޔަށް ދީގެން ދައުލަތަށް ވަންނަންޖެހޭ ފައިސާއިން ހިޔާނާތާއި މަގާމުގެ ނުފޫޒާއި މަނީ ލޯންޑަރިންގެ ގިނަ މައްސަލަތަކެއްގެ ތުހުމަތު އަދީބުގެ މައްޗަށް ކުރެވިފައިވާއިރު، ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއި އަދީބުއާއި ދެެމެދު ވެވުނު ކުށަށް އިއުއިތުރާފްވުމާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއް ހެދިފައި ވެއެވެ.
އެގޮތުން ޕީޖީ އޮފީހުންވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން ހެދުނު އިއުތިރާފްގެ އެއްބަސްވުން މިމައްސަލަތަކުގެ ތެރެއިން ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ، ކުރީގެ ޕީޖީ އާއިޝަތު ބިޝާމްގެ ޕީޖީ ކަމުގެ ދުވަސްވަރު މިދިއަ އަހަރުގެ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ.
މި ދައުވާތަކާ ގުޅިގެން ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި އަދީބު ވިދާޅުވެފައިވަނީ ކުރިއަށްދާ ބޭނުންވަނީ އިއުތިރާފްގެ އެއްބަސްވުމާއެކު ކަމަށާއި އެއީ ޝައްހަ އެއްބަސްވުމެއް ކަމަށެވެ. މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުވެސް ވަނީ އިއުތިރާފްގެ އެއްބަސްވުމަށް އެއްވެސް މަޖުބޫރުކަމެއް އޮތްތޯ އަދީބު އަރިހުން ސާފުކުރައްވާފަ އެވެ. އަދީބު ވިދާޅުވެފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށާއި އެއީ ހަމަ ސައްހަ ގޮތުގައި ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
އެހެންކަމުން އިބްތިދާއީ އަޑުހުމުގައި ގާޒީ ވަނީ އަދީބާއި ޕީޖީ އާއެކު ވެފައިވާ އެއްބަސްވުން ޝަރީއަތަށް ބަލައިގަންނަ ކަމަށް ނިންމައި، އަވަސް ނިޔާގެ ޝަރީއަތެއް އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވޭނެކަން އިއުލާން ކުރައްވާފައެވެ.
ހޯމަ ދުވަހު ހެނދުނު ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގައިވެސް އަދީބު އަރިހުން، ގާޒީ ވަނީ އިއުތިރާފުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ބޭނުންވޭތޯ އައްސަވާފައެވެ. އަދީބު ވިދާޅުވެފައިވަނީ ބޭނުންވަނީ އިއުތިރާފްގެ އެއްބަސްވުމާއެއްގޮތަށް ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ގާނޫނީ ވަކީލުން ވަނީ އިއުތިރާފްގެ އެއްބަސްވުމާއެއްގޮތަށް، އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަންނާނެ އަދަބުތައް ވަކިވަކިން ޝަރީއަތަށް އިއްވާ ދެއްވާފައެވެ.
ހުކުމް ކުރުމަށް ބޭއްވޭ އަޑުއެހުން މިމަހުގެ 12 ވަނަ ދުވަހު ބޭއްވޭނެ ކަމަށް މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވުމުން ދައުލަތުގެ ގާނޫނީ ވަކީލާ ވަނީ ތަކުރާރުކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ޝަރީއަތުން ވެސް ދައުވާ ރައްދުވާ ފަރާތުންގެ އިއުތިރާފް ބަލައިގަންނަ ކަމަށް ނިންމާފައިވާތީ، މިއަދުން މިއަދަށް ހުކުމް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.
ގާޒީ އިތުރަށް ވިދާޅުވީ، މިމަހުގެ 12 ވަނަ ދުވަހަށް ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ލަސްކޮށްލަން ނިންމީ ދައުވާތަކުގެ ހުކުމްތައް ވަކިވަކިން ލިޔަށް ވަގުތު ބޭނުންވާތީ ކަމަށެވެ. ނަމަވެސް ދައުލަތުން ފާހަގަ ކުރައްވާ ކަންކަން ގާޒީއަށްވެސް ފާގަހަކުރެވޭ ކަމަށް ވިދާޅުވެ، ގާޒީ ވަނީ އެކަމަށް ގޮތެއް ނިންމުމަށް ޝަރީއަތް މެދު ކަނޑާލައްވާފައެވެ.
ޝަރީއަތުގެ އަޑުއެހުން އަލުން ފެށުމަށްފަހު، ގާޒީ ވިދާޅުވީ، މި ދައުވާތަކާއި ގުޅިގެން އަދީބުގެ މައްޗަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ހޯމަ ދުވަހުގެ އިރު އޮއްސި 6 ޖަހާއިރު، ބޭއްވޭނެ ކަމަށެވެ.
ހެނދުނު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބުއަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވުމުން އަދީބު ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކާއި އެފަރާތްތަކުން އެފައިސާ ބޭނުންކޮށްގެން އުފައްދާފައިވާ އެސެޓްތައް ތަހުގީގު ޓީމަށް ކިޔާ ދެއްވާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ފޯނާއި، ގިނަ މަސެޖްތަކެއް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅޭ، ގިނަ ހެއްކާއި ޤަރީނާތައް ތަހުގީގު ޓީމަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ.