ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ވަގުތު ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނުން ރައްޔިތުންގެ މަޖިލީސް ކައިރިއަށް އެއްވުމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގޮވާލައިފި ކަމުގެ މައުލޫމާތު ރާއްޖެޓީވީއަށް ލިބިއްޖެއެވެ.
ޕީޕީއެމް ޕީއެންސީގެ ޒުވާނުންގެ "ވަޓްސްއެޕް" ގްރޫޕެއްގައި އަބްދުއްރަޙީމް އެ ޕާޓީތަކަށް ނިސްބަތްވާ ޒުވާނުން މަޖިލިސް އިދާރާ ކައިރިއަށް އެއްވުމަށް ގޮވާލިއިރު، އެ ސަރަހައްދަށް އެއްވުމަށް ގޮވާލާފައި ވަނީ ކޮން ސަބަބަކާ ހެދި ކަމެއް ހާމަކޮށްފައި ނުވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައި ވެއެވެ. އަދި އެ ގްރޫޕުގައި އަބްދުއްރަޙީމް މިގޮތަށް ގޮވާލުމުން ޒުވާނުން އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ވަޓްސްއެޕް ގްރޫޕުގައި ޒުވާނުން ބުނެފައިވަނީ އެއްވުންތަކަށް ދިއުމަށް ގޮވާލާ އެއްވުންތަކަށް ޒުވާނުން ނުކުންނައިރު، ލީޑަރޝިޕްގައި ހަރަކާތްތެރިވާ ބޭފުޅުން ނުފެންނަ ކަމަށެވެ. އަދި އިތުރު އެއްވުންތަކަށް ޒުވާނުން ނުކުންނާނީ ލީޑަރޝިޕްގެ ބޭފުޅުން ގޭގައި ނުތިއްބަވާ މަތިން ކަމަށް ބުނެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ޕީޕީއެމްގައި ހަރަކާތްތެރިވާ މީހަކު ރާއްޖެޓީވީ އަށް މައުލޫމާތު ދެމުން ބުނީ، މަޖިލިސް ކައިރިއަށް ޒުވާނުން އެއްކުރުމުގެ އަސްލު ބޭނުމަކީ އެ ސަރަހައްދުން އެ ސަރަހައްދަށް އެއްވުމަށް ފުލުހުން ހުރަސް އަޅައި، އެ ސަރަހައްދުން ދުރަށް ޖައްސައިފި ނަމަ އިންޑިއާ އެމްބަސީ އާއި ދިމާއަށް މިސްރާބު ޖެހުމަށް ކަމަށެވެ. އަދި އެމްބަސީ ކައިރިއަށް އެއްވެ އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލުމަކީ މައިގަނޑު މަގްސަދު ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާ ބުނެފައި ވަނީ މީގެ ދެ ހަފްތާ ކުރިން އިދިކޮޅު ކޯލިޝަންގެ އަންހެން ކަނބަލުންވެސް އިންޑިއާ އެންބަސީ ކައިރިއަށް އެއްވުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ވީ ބޮޑު "ފްލޮޕް" އަކަށް ކަމަށެވެ.