ގިނަ ހިދުމަތްތަކާއެކު މެޑްހޯޕް ކްލިނިކް އަލުން ހުޅުވައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މެޑްހޯޕްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަމްޖަދު ވިދާޅުވީ ކްލިނިކް އަލުން ހުޅުވިއިރު ގިނަ ހިދުމަތްތަކެއް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އާންމު ބަލިތަކަށް ކޮންސަލްޓް ކުރުމާއި އިންޓަރނަލް މެޑިސިން ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުން ވެސް ކްލިކުން ބަލަމުންދާނެ ކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ކްލިނިކަށް ބައްލަވަން ވަޑައިގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަމްޖަދު އިތުރަށް ވިދާޅުވީ ކްލިނިކުން ދަތުގެ ފަރުވާގެ ހުރިހާ ހިދުމަތްތައް ލިބިގެންދާނެ ކަމަށާއި ހިދުމަތްތައް ފޯރުކޮށްދޭނީ ޒަމާނީ މެޝިންތައް ބޭނުން ކޮށްގެން ކަމަށެވެ.
ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 09:30ން 13:30ށް އަދި 15:30ން ރޭގަނޑު 19:00 އަށެވެ. މީގެ އިތުުރުން އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ކޮންމެ ހުކުރު ދުވަހަކު 16:00ން 19:00ށް ކްލިނިކް ހުޅުވިފައި ހުންނާނެއެވެ.
އަމްޖަދު ވިދާޅުވީ ކުރިއަތް އޮތް ދުވަސްތަކުގައި ކްލިނިކުން ހިދުމަތް ފޯރުކޮށްދޭ ގަޑި އިތުރު ކުރުމަށް ނިންމާފައިވާ ކަމަށާއި އެތަނުން އެލައިޑް އިންޝުއަރެންސް، އަމާނާތަކަފުލް އަދި އާސަންދައިގެ ހިދުމަތްވެސް ލިބިގެންދާނެ ކަަމަށެވެ. އަދި ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯދުމަށް ދާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހޮސްޕިޓަލްތަކާއި ބެހޭ މައުލޫމާތާއި އެޕޮއިންޓްމަންޓް ހަދައި ދިނުމުގެ ހިދުމަތްވެސް އެ ކްލިނިކުން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއޮތް ތާނގައި ރާއްޖެއިން ބޭރުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންކޮށްގެން މެޑިކަލް ކޭމްޕުތައް މާލެސިޓީ އާއި ރާއްޖޭގެ އެކި ރަށްތަކުގައި ހިންގުމަށް އެ ކްލިނިކުން ވަނީ ނިންމާފައެވެ.
ހުކުރު ދުވަހު މި ކްލިނިކް ހުޅުވާފައިވާއިރު ކްލިނިކް ހުންނާނީ ހަކުރާ ގޯޅި (ރައްޔިތުންގެ މަޖިލިސް ކުރިމަތީ) ގައެވެ. މެޑް ހޯޕް މެޑިކަލް ސެންޓަރަކީ 2006 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ކްލިނިކަކަށް ވީނަމަވެސް 2019 ވަނަ އަހަރު ކްލިނިކް އަޕްގްރޭޑް ކުރުމަށް ވަނީ ބަންދުކޮށްފައެވެ.