ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ''ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް 28 އޮކްޓޯބަރުގެ ނިޔަލަށް އާންމުންނަށް ކުރިމަތިލެވޭނެ ކަމަށް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެންއެންޑީއެފް އިން ބުނީ އެ ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2020 އޮކްޓޯބަރު 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް[email protected]އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.
ހަ ބައިވެރިއަކު ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެކެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖޫން 01 ވަނަ ދުވަހުއެވެ.
މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ، 2021 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުމާއި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމާއެކު ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެއިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އާއި އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ދެ ޓެސްޓަކީ ކޯހަށް އެޕްލައި ކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ދެ ޓެސްޓެވެ.
މި ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، ނޭވަލް އާރކިޓެކްޗަރ، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، މެރިން އެންޑް އެންވައިރަމެންޓަލް ސައިންސް، ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް، ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް ހިމެނެއެވެ. މީގެ އިތުރުން ވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓްhttp://www.cga.edu/އިން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ކޯހާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް ހެޑްކްއޯޓަރޒް ފޯނު ނަމްބަރު 3322607 އަށް ގުޅައިގެން އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ އެކްސްޓެންޝަން ނަމްބަރު 2157 ނުވަތަ މޯބައިލް ނަމްބަރު 9871235 އަށް ގުޅައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުން ކުރުމަށް ވަނީ އެދިފައެވެ.
ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުން ލޯޑް ކުރެވޭނެއެވެ.