މެދުރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅުވުމާއި އެކު ފެލިވަރަށް އެންމެން މަސްކިރަން ދިއުމުން ދިމާވެދާނެ ދަތިތަށް ހައްލުކުރުމަށް ކޫއްޑޫއަށް މަސްކިރަން ދިއުމަށް މިފްކޯއިން އިލްތިމާސްކޮށްފިއެވެ.
މިފްކޯއިން މިކަމާއި ގުޅިގެން ކުރި ޓުވީޓެއްގައި ބުނީ، މެދުރާއްޖެތެރޭގެ މަސްވެރިކަން ނުހަނު ރަަނގަޅުމި ދަނޑިވަޅުގައި ފެލިިވަރަށް މަސްކިރުވަން ގިނަދޯނިފަހަރު އެއްފަހަރާ ދިޔުމުން ދިމާވާނެ ދަތިިތަކައްޓަކައި، ޖާގައާއި ވަސީލަތްތަކަށް ބަލައި މަސްވެރިން ކޫއްޑުއަށް ދަތުރުކޮށް މަސްކިރުއްވުން އެދޭކަމަށެވެ. އަދި، ތިޔާގި މަސްވެރިކަމުގެ އެންމެ އެދެވޭ ނަފާ މަސްވެރިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށާއި މިކަމާއި ގުޅިގެން މަސްވެރިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ހަތް އަހަރަށް ފަހު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔަ އަގުގެ ކޮންޓްރޯލް ދޫކޮށްލަން ނިންމާފައިވާއިރު މަސްވެރިން ބާނާ މަހަށް އަގު ކަނޑައަޅާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބެލުމަށްފަހުގައެވެ. އެގޮތުން، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނައުމުގެ ބާރު މިފްކޯ އޮވެއެވެ.
މަސްވެރިކަން ރަނގަޅުވަމުން އަންނަ އިރު، މިފްކޯ އަށް ދިމާވެފައިވާ ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ.
އެގޮތުން ސްޓޯރޭޖްގެ މައްސަލަ ހައްލު ކުރުމަށް 30 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން މިފްކޯގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ސްޓޯރޭޖް އިތުރު ކުރުމުގެ އިތުރުން، ކޫއްޑޫ އާއި ފެލިވަރުގެ ބަނދަރު ތަރައްގީ ކުރެވިގެންދާނެ ކަމަށް އިސްމާއިލް މީގެކުރިން ވިދާޅުވިއެވެ. އަދި، ކޯލްޑް ސްޓޯރޭޖާއި ކޭނިންގ ކެޕޭސިޓީ ވެސް އިތުރު ކުރެވޭނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
މިހާރު ކޫއްޑޫގައި 2000 ޓަނު އަދި ފެލިވަރުގައި 700 ޓަނުގެ ސްޓޯރޭޖެއް ހުރިއިރު ފެލިވަރުގައި ފްރީޒިން ކެޕޭސިޓީއެއް ނެތް ކަމަށާއި އެހެންކަމުން އެންމެ ފުރަތަމަ ފެލިވަރުގައި 200 ޓަނުގެ ފްރީޒިން ކެޕޭސިޓީއެއް ޤާއިމްކޮށް 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އިސްމާއިލް ފާހަގަކުރެއްވިއެވެ.
މިފްކޯއިން ދަނީ މަސްކިރަން ދިމާވާ ދަތިތައް ހައްލުކުރުމަށް އޮންލައިން ޕްލެޓްފޯމްއެއް ވެސް ގާއިމުކުރަމުންނެވެ.