ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފައްޓާނެ ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.
ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސަދާތް ވިދާޅުވީ ސެޕްޓެމްބަރ 19 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޓީމެއްގެ އެހީއާއެކު އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ނިއުރޯސާޖަރީއެއް ކުރި ނަމަވެސް ޕްލޭންގައިވާ ގޮތުން މިއީ ކުޑަ އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރަން ފައްޓާނެ ކަމަށާއި އެކަމަށްވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުންދާ ކަމަށް ޝަރަފް ވިދާޅުވިއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހުޅުވާފައިވަނީވެސް ޓާރޝިއަރީ ހޮސްޕިޓަލެއްގެ ގޮތަށްކަމަށްވާއިރު ކޮވިޑްގެ މިދަނޑިވަޅުގައި ބާރު ސްޕީޑުގައި ޚިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަކަން ޝަރަފް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް މަސައްކަތް ކުރަމުންދަނީ މިފަދަ ކަންކަން ހައްލު ކުރުމަށް ކަމަށާއި މި ދަނޑިވަޅުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށް ޝަރަފް ވިދާޅުވިއެވެ. އަދި މިވަގުތު ހުރިހާ ބަލިތަކަށް ފަރުވާ ދެއްވާނެ ހާއްސަ ޑޮކްޓަރުން އެހޮސްޕިޓަލްގައި އެބަތިއްބެވި ކަމަށާއި މަސައްކަތް ކުރަމުންދަނީ އަބަދުވެސް ދެވޭ ޚިދުމަތުގެ ފެންވަރު މަތި ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްއިން ޚިދުމަތް ދޭން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.