އެވިޑް ކޮލެޖްގެ ގދ. ތިނަދޫ ކެމްޕަސް ހޮނިހިރު ދުވަހުގެ ރޭ ހުޅުވައިފިއެވެ.
ތިނަދޫގައި ބޭއްވި މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ އިސްވެރިންނާއި ތިނަދޫގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ތިނަދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ތިނަދޫ ކެމްޕަސް ހުޅުވައި ދެއްވީ އެވިޑްގެ ޗެއަރމަން އަބްދުﷲ މުޝްތާގްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެވިޑްގެ ޗެއަރމަން އަބްދުﷲ މުޝްތާގް ވިދާޅުވީ އެވިޑް ޔުނިވަރސިޓީ ފުރަތަމަ ހުޅުވާނީ ތިނަދޫގައި ކަމަށާއި އޭގެ ފަހުން މާލޭގައި ގޮތްޕެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ހަލުވި ކަމާއި އެކު ކުރިއަށްދާ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
މިކެމްޕަސްއިން މިހާރުވެސް މާލޭގެ ކެމްޕަސްއިން ހިންގާ ހުރިހާ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާއިރު ދެން އެންމެ އަވަހަށް ކިޔަވަން ފަށާނީ ޖެނުއަރީ އިންޓޭކަށް ކަމަށް އެވިޑުން ބުންޏެވެ. އެގޮތުން ލެވެލް 3 އިން ފެށިގެން ލެވެލް 9 އަކާއި ހަމަ ކޯސްތައް ހިންގާއިރު ކޮވިޑް 19އާއި ގުޅިގެން މިދުވަސްވަރު ކޯސްތައް ހިންގާނީ އޮންލައިންކޮށް ކަމަށް ވެސް އެ ކޮލެޖުން މައުލޫމާތުދިނެވެ.
މި ކެމްޕަސް އިން ކައިރި މުސްތަޤްބަލެއްގައި ބޭރުގެ ޔުނިވާރސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެންދާނެއެވެ. އަދި ދަރިވަރުންނާއި ގާތުން ޙިދުމަތް ދިނުމަށް ތިނަދޫ ކެމްޕަސްވަނީ ޒަމާނީ ވަސީލަތްތައް ވެސް ޤާއިމްކޮށްފައެވެ.