އައްޑޫ ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އައްޑޫ ސިޓީ މޭޔަރ، އަބްދުﷲ ޞާދިޤް (ސޯބެ) ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު، ދެއްވަމުން ސޯބެ ވިދާޅުވީ އައްޑޫގެ މަގުތައް ހެދުމަށް މިއަހަރުގެ ކުރީ ކޮޅު ސާވޭކޮށްފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓްރީ އޮފް ޕްލޭނިންގެ ފަރާތުން އިންޑިއާގެ ޖީކޭޑީ ކުންފުންޏާއި ހަވާލުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި ފެށުމަށް ވާން ޖެހޭ ތައްޔާރީތަކަށް މިހާރު އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ސޯބެ ވިދާޅުވިއެވެ.
އެކުންފުނިން މީގެ ކުރިން މަގުތައް ހެދުމުގެ މަސައްކަތް ފެށިނަމަވެސް ލޮކްޑައުންއަކަށްދާން ޖެހުމުން މަސައްކަތް ހުއްޓާލަން ޖެހުނީއެވެ. ނަމަވެސް އަލުން މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޝިނަރީޒް އާއި މަސައްކަތް ކުރާ ފަރާތްތައްވެސް އައްޑޫއަށް އައިސްފައިވާ ކަމަށް އޭނާ ސޯބެ ވިދާޅުވިއެވެ.
މިމަޝްރޫއުގެ ދަށުން ފޭދޫ އާއި މަރަދޫފޭދޫ އާއި މަރަދޫގެ ކުރިން ހަދާފަ އޮތް ބޮޑު މަގުގެ މަސައްކަތުގެ އިތުރުން 07 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. މިހާތަނަށް އައި އިރު ބައެއް ވެލި މަގުތައް ހަދާފައިވާކަން ސޯބެ ފާހަގަކުރެއްވިއެވެ.
ބޮޑެތި ގޯތިތައް ހުރުމުން މުސްތަޤްބަލުގައި އެތަންތަނުގައި ގެ އަޅައިގެން ނަރުދަމާ ގުޅަން ހޮޅިވަޅުލަން ޖެހިއްޖެ ނަމަ މަގު ކޮންނަން ޖެހުމަކީ މިއީ އަދިވެސް ދިމާވެދާނެ މައްސަލައެއް. އެއީ ކުރިން މަގު ހަދާފައިވާއިރު ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރުމަށް މަގުގެ އެކި ސަރަހައްދުތަކުން ވަނީ ކޮނެފައި، އެއީ އެއްވެސް މަޝްވަރާއެއް ކުރުމަށްފަހު ކޮށްފައިވާ މަސައްކަތެއް ނޫންއައްޑޫ ސިޓީ މޭޔަރ، އަބްދުﷲ ޞާދިޤް
ޤަބޫލުކުރަނީ އަލުން މަގުތަކުގައި ތާރު އަޅާއިރު މި ހުރިހާ ކަމެއް ހައްލުކޮށް ބޮޑެތި ގޯތިތަކާއި ދިމާލަށްވެސް ހޮޅިތައް ވެއްދުމަށްފަހު ތާރު އެޅިގެންދިޔުން ކަމަށް ސޯބެ ވިދާޅުވިއެވެ.
އައްޑޫގެ ތަރައްގީގެ ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މިސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.