2012 ވަނަ އަހަރު ވެރިކަން ވައްޓާލި ހާދިސާތައް ހިނގައިދިޔަގޮތާއި ހިނގަން މެދުވެރިވި ސަބަބުތަކާއި އެކިކަންކަން ޑިވަލަޕްވެގެން ދިޔަގޮތް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ގައުމެއް ދެމި އޮންނަނީ ސަލާމަތީ ބާރުތައް ހަރުދަނާކޮށް ރައްޔިތުންގެ ހިމާޔަތާއި ދައުލަތުގެ ރައްކާތެރިކަމުގަ އޮތުމުން ކަމަށެވެ. އަދި އެ މުއައްސަސާތަކުގައި ގާއިމްވެފައި ހުންނަންޖެހޭ ނިޒާމްތަކަކީ އެ ދައުލަތެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އަސާސް ކަމަށާއި، އެ އަސާސަށް ގުޑުން އަރައިފިނަމަ މުޅި ދައުލަތަށް ބޮޑު ލޮޅުމެއް އަރައިގެން އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
2012 ވަނަ އަހަރު ބަޣާވާތް ކުރި ހާދިސާއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ އެ ހާދިސާއާއި އެ ހިސާބަކީ މުޅި ދައުލަތް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ނާޒުކު މަރުހަލާއެއްގައި ކަޑައްތުކުރި ހިސާބެއް ކަމަށެވެ. އަދި އެކަންކަމަށް ދިވެހި ހުރިހާ އެންމެން އެއްބަސްވާނެ ކަމަށެވެ.
އޭގެތެރޭގައި އެކިވަރުގެ ޒިންމާތައް އެކި ގޮތްގޮތަށް އަދާކޮށްފައި ހުރި އެކި ފަރާތްތަކުގެ ކަންތައްތަކަކީ ހަގީގަތުގައި ވެސް ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ހިނގާފައި އޮތްކަމެއް ކަންކަން ކަމަށް އިންކާރު ކުރެވެން ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ. އިމްރާން ވިދާޅުވީ އެ ހާދިސާތައް ހިނގައިދިޔަގޮތާއި ހިނގަން މެދުވެރިވި ސަބަބުތަކާއި އެކިކަންކަން ޑިވަލަޕްވެގެން ދިޔަގޮތް މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލެވުނުއިރު މުހައްމަދު ހަމީދު ހުންނެވީ ފުލުހުންގެ އިންޓަލިޖެންސްގެ ވެރިޔާގެ މަޤާމުގައެވެ.
މިއަދުގެ ކޮމިޝަނަރ އޮފް ޕޮލިސްއަކީ އެ ހާދިސާތައް ހިނގަމުން ދިޔަ އިރުގައި އެ ހާދިސާތަކުގެ ކުރިމަތީގައި ވަރަށް ސާފުކޮށް ފެންނަ ހިސާބުގައި ހުރި ބެފުޅެއް. ކޮމިޝަނަރ އޮފް ޕޮލިސްއަށް އެނގިވަޑައިގަންނަވާނެ އެ ހާދިސާތައް ހިނގައިދިޔަގޮތާއި ހިނގަން މެދުވެރިވި ސަބަބުތަކާއި އެކިކަންކަން ޑިވަލަޕްވެގެން ދިޔަގޮތް. އެ ބައިތަކުގެ މައްޗަށް ރިއާޔަތްކޮށްފައި ކޯނީ ރިޕޯޓުގައި ވަރަށް ސާފުކޮށް ބުނެފައި އެ އޮތީ ކަންކަން އަންފޯލްޑްވެގެން ގޮސް އެ ދިޔަ ހިސާބަކަށް ދިޔަކަން.ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
އިމްރާން ވިދާޅުވީ އެއީ ވަކި އެންމެ ކަމެއް ހިނގައިގެން އެކަމެއްގެ މައްޗަށް ބިނާވެގެން ހިނގައިދިޔަ ކަމެއް ނޫން ކަމަށާއި، މީހަކު ކުރި އެންމެ ކުށެއް އެންމެ ކަމެއް ވެގެން ހިނގައިދިޔަ ކަމެއްވެސް ނޫން ކަމަށެވެ. އަދި އެކި މީހުން އެކި ވައްތަރުގެ ކަންކަން ކޮށްފައިވާ ކަމަށާއި، އޭގެ ޒިންމާ އެކި ފަރާތްތަކުން އެކި ގޮތަށް ނަގަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މީގެ އިތުރުން އެކަހަލަ ކަމެއްގެ މަތީގައި ވަކި މީހަކަށް އިނގިލިދިގުކޮށް ވަކި މީހަކު ކުށްވެރިކުރާ ހިސާބަށް ދިޔާމަ އޭގެން ނުކުންނަ ނަތީޖާ އެހާ ރަނގަޅު ނޫންކަން ކޮމިޝަނަރ އޮފް ޕޮލިސްއަށް ވިސްނިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކައާއި ގުޅިގެންނެވެ. ކޮމިޝަނަރ ވިދާޅުވެފައިވަނީ 2012 ވަނަ އަހަރުގެ ހަތެއް ފެބްރުއަރީގައި ވެރިކަން ބަދަލުކުރުމުގައި ހިނގާ ދިޔަ ކަންކަމުގައި ބައިވެރިވި ފުލުހުންނަށް ވިސްނިއްޖެ ކަމަށާއި، މިހާރު އެތް އެގްޒެކްޓިވް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ސީޕީ ހަމީދު ވިދާޅުވީ، އެ ދުވަހު ހިނގަ ދިޔަ ކަންތައްތަކުގައި ބައިވެރިވި ވަކި ވަކި ފުލުހުންގެ މައްސަލަތައް ފެނި ފިޔަވަޅު ނޭޅި އެބަހުރި ކަމަށާއި ހަމަޖެހިފައިވާ ގާނޫނީ ނިޒާމުގެ ތެރެއިން އެކަންތައްތައް ބެލެން ޖެހޭނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް މިއަދު އެ ކުރައްވާ މަސައްކަތަކީ މުއައްސަސާ ހަރުދަނާ ކުރެއްވުން ކަމަށާއި، މުއައްސަސާ ތެރޭގައި ހުރި ގާނޫނާއި އުސޫލުތަކާއި ހިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވަން އަދި އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިޒާމް ހަރުދަނާކުރުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި އެކަން ވަރަށް ސާފުކޮށް އެބަފެންނަ ކަމަށެވެ.
"ކޮމިޝަނަރ ވިދާޅުވި ފަދައިން އެފަދަ ކަންކަން ހައްލުކުރުމަށް އަދި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް އެންމެ ސާފު ގޮތުގައި އިންސާފު ގާއިމްކުރިވެގެންދާނެ. އެ މަސައްކަތް އެބަ ކުރައްވާ. އެ ކަންތައްތަކަށް އަޅުގަނޑުމެން ހިތްވަރު ދެއްވާ އެހީތެރިވެ ހޯމް މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް ބައިވެރިވެރިވަމުން މިދަނީ. އެހެންވީމަ ކޮމިޝަނާ ވިދާޅުވާ ފަދައިން އެފަދަ ކަންކަން ހައްލަކަށް އެޅުވުމަށް އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް އެންމެ ސާފު ގޮތުގައި އިންސާފު ގާއިމްކުރެވިގެންދާނެ. އަސްލު އެއިރު އެންގެ ރަނގަޅަށް އިންސާފު ގާއިމްވާ ގޮތަކަށް ނޫން މުއައްސަސާގެ ކަންކަން ގާއިމްވެފައި ހުރީ. ބައިވަރު ކަންކަން އިންވޯލްވެ އޭގެ ތެރޭގައި ސާފުނުވާ ބައިވަރު ކަންކަން އެބަހުރި،"ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ވެރިކަން ބަދަލުކުރި ހާދިސާއާއި ގުޅިގެން އިމްރާން ވިދާޅުވީ އެފަދަ ކަމެއް ކުރީމަ ވަކި މިވެނި ފަރާތަކަށް ފިޔަވަޅު އެޅެންޖެހޭނެކަން އެތެރޭގެ ނިޒާމްތަކުން ވަރަށް ސާފުކޮށް ފެންނަން ހުންނަންޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނަށް މިއަދު ގެންނަންޖެހޭ ބަދަލުތަކަށް އަދި ހުށަހެޅިފައިވާ އިސްލާހަށް އަދި އެތެރޭގައި ހެދޭ ޑިސިޕްލިނަރީ އެކިއެކި އުސޫލުތަކުގެ ތެރެއިން މި ކަންކަން ސާފުވެގެން ދިޔުމުން ދެން އެއްވެސް ކަމެއް ތަކުރާރުވެއްޖެ ނަމަ ވަރަށް ސާފުކޮށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ވެރިކަން ބަދަލުކުރި ހާދިސާގެ ވާހަކަ ދައްކައިގެން ކުރިއަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި، އެއީ ތަޖުރިބާ ކަމަށެވެ. އަދި އެއިން އިބުރަތް ލިބިގެން އެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ގައުމު ރަނގަޅަށް ބަދަލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި އެކަމާއި ގުޅޭ ބައިވަރު ކަންކަން މިހާރު ކުރަމުންދާ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.
އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސްއަށް ގިނަ ތަޖުރިބާތަކެއް ހުންނާނެ ކަމަށާއި، އޭގެ ބޭނުންކޮށްގެން މިކުރާ މަސައްކަތުން އެފަދަ ކަންކަމުން މުއައްސަސާތައް ސަލާމަތްކުރުމަށް ރަނގަޅު ނަތީޖާއަކާ ހަމައަށް ގެންދިއުމަށް މަސައްކަތް ކުރެވޭ ކަމަށެވެ.