މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޔަތް އާދިއްތަ ދުވަހު ފަށާއިރު، ޔާމީންގެ ވަކީލުންނަށް އެމަނިކުފާނާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ނުވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން ވަނީ އާދީއްތަ ދުވަހަށް ތާވަލު ކޮށްފައެވެ.
ހޮނިހިރު ދުވަހު އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ވަކީލުންނާއި ބައްދަލުވެވޭނެ އިންތިޒާމް ހަަމަނުޖައްސައި ކްރިމިނަލް ކޯޓުގައި މައްސަލައެއް ތާވަލް ކުރުމަކީ އެމަނިކުފާނަށް އަމާޒުކުރެވިގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށެވެ. ރައީސް ޔާމީން އަށް ކުރެވޭ ދައުވާތަކާއި، ހިންގޭ ޝަރީއަތް ތަކުގައި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކޮށް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާއި އެކު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އިދިކޮޅުން ވަނީ އެދިފައެވެ.
އިދިކޮޅުން ވަނީ ރައީސް ޔާމީން ޝަރީއަތްތައް ތާވަލްކުރެވިގެން ކުރިއަށް ގެންދާއިރު ގާނޫނު އަސާސީގެ 53 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ގޮތުގެމަތިން، ވަކީލުންނާއި ބައްދަލުވެ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އެކަށިގެންވާ ފުރުސަތާއި ވަގުތު ދެއްވުމަށްފަހު ނޫން ގޮތަކަށް ޝަރީއަތުގެ ކަންކަން ކުރިއަށް ނުގެން ދިއުމަށްވެސް ގޮވާލަފައެވެ.