ކޮވިޑް19 ގެ ހާލަތާއި ގުޅިގެން އެކެޑެމިކް ކަލަންޑަރަށް ގެނައި ބަދަލުތައް މުރާޖާކޮށް، މި އަހަރުގެ ދިރާސީ އަހަރު ނިމޭ ތާރީހާއި ދިރާސީ އައު އަހަރު ފެށޭ ދުވަސްތައް އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފިއެވެ.
ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ކަލަންޑަރުގައި ވާގޮތުން، މި ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 3 ގައެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 10 ގައެވެ. ދެވަނަ ޓާމު ނިމޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 24 އެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ސްކޫލްތައް ބަންދުކުރަށް ޖެހި، ރާއްޖޭގެ އެކެޑެމިިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓު މަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނި ވިދާޅުވެފައެވެ. މިހާރުގެ ކަލަންޑަރުގައި ވާގޮތުން އެ ދުވަހަކީ އޮގަސްޓު މަހުގެ 10 އެވެ.
ކޮވިޑް19 އާ ގުޅިގެން ސްކޫލްތަކުގައި ކިޔަވައިދިނުން ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ފަހު އަލުން ކިޔަވައިދޭން ފަށާފައިވަނީ ޖުލައި މަހުގެ 1 ގައެވެ. ކިޔަވައިދޭން ފެށުމުގެ ހުއްދަ ދިނީ، ކޮވިޑު ބަލީގެ އެއްވެސް އަސަރެއް ނެތް ރަށްރަށުގައި އާއި މާލެ ސަރަހައްދުގެ ބައެއް މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެކަންޏެވެ.
މާލޭގެ ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުން މުރާޖާކުރީ، ފުރަބަންދުގެ ހާލަތަށް ލުއިދޭން ފެށިފަހުން ބަލި ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވުމުންނެވެ. އެއާއެކު މި ހިނގާ އޯގަސްޓު މަހުގެ 19 ވަނަ ދުވަހާ ހަމައަށް އޮންލައިން މަންސަތަކުން ކިޔަވައިދިނުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލި ދުވަސްވަރުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކި ގްރޭޑްތަކުގެ ކުދިންނަށް ބޭނުންވާ ފިލާވަޅުތައް ނަގައިދިނުމަށް ޓެލިކިލާސްތަކެއް ހިންގާފައެވެ. އަދި މިހާރު ވެސް އެ މިނިސްޓްރީން ދަނީ ދަރިވަރުންނަށް މި ކްލާސްތައް ހިންގަމުންނެވެ.
އެކެޑެމިކް ކަލަންޑަރަށް ގެނައި ބަދަލުތަކަކީ މިހާރުގެ ސަރުކާރުން ދާއިމީ ބަދަލެއްގެ ގޮތުގައި ގެންނަން ބޭނުންވާ ބަދަލުތަކެކެވެ. އެގޮތުން މި ކަލަންޑަރަށް ބަދަލުގެނައުމާ ގުޅޭގޮތުން މަޝްވަރާކުރަމުން ދިޔަ ދުވަސްވަރު އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ މިއީ ކޮވިޑުގެ ނުރައްކާ ކުރިމަތިވުމުގެ ކުރިން ވެސް މަޝްވަރާ ކުރެވިފައި އޮތް ކަމެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލުކުރަން އެދުނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ. ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލުކުރަން ބޭނުންވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ދުވަސްވަރާ މި ދުވަސްވަރު ދިމާވާތީއެވެ.
މިނިސްޓަރ ވިދާޅުވީ ތައުލީމީ ދާއިރާއަށް މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ ހުރިހާ އެންމެނަށް ވެސް އޭނގެ އަސަރު ކުރާނެ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ދާއިމީ ބަދަލެއް ގެންނާނީ ގިނަ ފަރާތްތަކުން ބޭނުންވާ ގޮތުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުރިހާ ނިންމުމެއް ނިންމާނީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވިއެވެ.