މާލެ ސިޓީގައި މާސްކު ނާޅާ އުޅުނު 475 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާސްކް ނާޅައިގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 94 މީހަކަށް ނަސޭހަތްދީ، 41 މީހަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. އަދި ޖުމްލަ މިހާތަނަށް މާސްކް ނާޅާ ބޭރުގައި އުޅުނު 475 މީހަކު ޖުރިމަނާ ކޮށްފައިވާ ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކާފިއު ހިންގާ ވަގުތުކަމުގައިވާ ރޭގަނޑު 10:00ން ފަތިހު 5:00ށް ބޭރުގަ އުޅެގެން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 80 މީހަކު ވަނީ ޖޫރިމަނާ ކުރެވިފައިވާ ކަމަށާއި، 120 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އަދި ޖުމްލަ މިގަޑީގައި ބޭރުގައި އުޅެގެން މިހާތަނަށް 311 މީހަކު ވަނީ ޖޫރިމަނާ ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ލޮކްޑައުންގެ ތިންވަނަ ފޭސްގައި ލުއި ދިންފަހުން ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންނެވެ. އެހެންކަމުން ފިޔަވަޅުތައް އަނެއްކާ ވެސް ހަރުކަށިކޮށް ރޭގަނޑު 10:00ން ފަތިހު 5:00ށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ ސިޓީގައި މާސްކު އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ.