ރާއްޖޭގެ 35 ރަށެއްގައި މިހާރު ވެސް އެމްޓީސީސީގެ 48 މަޝްރޫޢެއް ކުރިއަށްދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި އެމްޓީސީސީން މިވަގުތު ވެސް 48 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެއްވެސް މަޝްރޫޢެއްގެ މަސައްކަތް މަޑުޖެހިފައި ނުވާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާގުޅިގެން ބައެއް މަޝްރޫއުތަކުގެ ސްޕީޑަށް ބަދަލު އައި ނަމަވެސް މަސައްކަތް ބަރާބަރަށް ކުރިއަށް ގެންދާ ކަމަށެވެ.
މީގެއިތުރުން، އަލަށް 24 މަޝްރޫޢެެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ވެސް އަސަރުކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކުންފުނީގެ އަމާޒަކީ ޢަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫޢުތައް ކަނޑައަޅާފައިވާ މުއްދަތަށް ނިންމުން ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މިއަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު، 14 މަޝްރޫއެއް ނިންމައި، އިތުރު 8 މަޝްރޫއުއެއް ފަށާފައިވާ ކަމަށެވެ. އަދި މި އޮގަސްޓް މަހުގެ ތެރޭގައި އިތުރު މަޝްރޫއުތަކެއް ނިންމައި، އަލަން ފަށާ މަޝްރޫތައް ފެށުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ބައެއް މަޝްރޫއުތަކަށް ބޭނުންވާ މޮބިލައިޒޭޝަންގެ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށާއި ބައެއް މަޝްރޫޢުތަކުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ މަސައްކަތްތައް ވެސް ކުރިއަށްދާކަމަށެވެ.
އެމްޓީސީސީން އަލަށް ފެށުމަށް ތައްޔާރުވާ މަޝްރޫޢުތަކުގެ ތެރޭގައި ކ. ގުރައިދޫއާއި ތ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢު ހިމެނެ އެވެ. އަދި އެމަސައްކަތް މި އޮގަސްޓް މަހުގެ ތެރޭގައި ފަށޭނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ގައުމުގެ އުމްރާނީ ތަރައްގީގެއް ބޮޑެތި މަޝްރޫއުތަކެއް އެކުންފުނިން ހިންގަމުންދާ މިދަނޑިވަޅަކީ، ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާ ދުވަސްވަރެއްކަމަށްވާތީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި މުވައްޒަފުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ 48 މަޝްރޫޢެއް ކުރިއަށްދާއިރު އެ ކުންފުނިން ވަނީ ދާދި ފަހުން މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން 14 މަޝްރޫއެއްގެ މަސައްކަތް ނިންމިފައިވާއިރު، 75 މަޝްރޫއެއްގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރގައި ހިންގާފައިވެއެވެ. މި 75 މަޝްއޫރުގެ ތެރޭގައި، ބަނދަރު ހެދުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން އެ ކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ކޮންޓްރެކްޓިންގގެ މަސައްކަތުން އެކަނި ވެސް 176 މިލިއަން ރުފިޔާ އާމްދަނީއެއް ހޯދާފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީއަށް 354 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު، ދެވަނަ ކުއާޓަރގައި ލިބުނު އާމްދަނީ 30 އިންސައްތައިގެ ދަށްވުމެކެވެ.