އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިިލިޕްގެ 99 ވަނަ އުފަންދުވަސް ފާހަގަކުރަން ބަކިންގހަމް ޕެލެެސްއިން ތައްޔާރުވެއްޖެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ފިލިޕް- ދަ ޑިއުކް އޮފް އެޑިންބަރަރ ގެ އުފަން ދުވަސް މި ފަހަރު އެހާ ކުލަގަދަކޮށް ފާހަގަ ނުކުރެއްވި ނަމަވެސް، އާދައިގެ މަތިން ބާއްވަމުން އަންނަ އާންމު ކުރުނީސް ބާއްވާނެކަން ވަނީ ހާމަކޮށްފަ އެވެ. އަދި އުފަންދުވަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ޢާންމު ކުރައްވާ ފޮޓޯ މިފަހަރުވެސް ނަންގަވާފައިވަނީ ވިންޑް ކާސްލް ކުރިމަތީގައެވެ. މި ފޮޓޯ މިހާރުވަނީ ޢާންމު ކުރައްވާފަ އެވެ.
ޕްރިންސް ފިލިޕްގެ އުފަން ދުވަސް ހޭދަ ކުރައްވާނީ ވިންޑްސަރ ކާސްލްގައި ކަމަށް ޚަބަރު ލިބިއެވެ. ކޮވިޑް-19 އާއި ގުޅިގެން ދެކަނބަލުން އެކަހެރިވެ ވަޑައިގެން ވަގުތު ހޭދަ ކުރައްވަމުން ގެންދަވަނީ ލަންޑަންގެ ހުޅަނގުގައި ހުންނަ ވިންޑްސަރ ކާސްލްގައެވެ. އެހެންކަމުން ޝާހީ ޢާއިލާގެ އެއްވެސް ބޭފުޅަކަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް ޕްރިންސާއި ބައްދަލެއް ނުކުރެއްވޭނެއެވެ. ބެލެވޭ ގޮތުގައި އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވާނީ ވީޑިއޯ ކޯލަކުން ނުވަތަ ޑިޖިޓަލް މީޑިއާގެ ކޮންމެވެސް ޒަރިއާއަކުންނެވެ.
ބައްޕާފުޅުގެ އުފަންދުވަހާއި ގުޅޭގޮތުން ވަލީ އަހުދު ޗާރލްސް ވިދާޅުވެފައިވަނީ ބައްބާފުޅު ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އުފަންދުވަހު ބައްޕާފުޅާއި ބައްދާލައްވަން ބޭނުންފުޅުވެލައްވާ ކަމަށެވެ. ޗާރލްސް އަކީ ރާނީއާއި ފިލިޕްސްގެ ހަތަރު ދަރިކަލުންގެ ތެރެއިން އެންމެ ދޮށީ ދަރިކަލުންނެވެ.
އިނގިރޭސި ޝާހީ ދަރުބާރުން ޢާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ޕްރިންސް ފިލިޕްގެ އުފަންދުވަސް ވަރަށް ކުލަގޮތެއްގައި ފާހަގަކުރެއެވެ. އެގޮތުން ބަޑީގެ ކުރުނީހަކާއެކުގައެވެ. ނަމަވެސް އިޖުތިމާޢީ ގިނަ ބައްދަލުވުންތައް ބޭއްވުން މަނާކޮށްފައިވާތީ ޝާހީ ހުރިހައި ޙަފުލާއެއް ވަނީ ކެންސަލް ކުރައްވާފައެވެ.
މިއަހަރު ރާނީގެ އުފަންދުވަހުގެ ޙަފުލާތައްވެސް ބާއްވަވާފައެއް ނުވެއެވެ. މިއީ ރާނީ ތަޚުތައް ވެޑުވުނުތާ މިވީ 68 އަހަރުގެ ތެރޭގައި އުފަންދުވަހުގެ ޙަފުލާ ކެންސަލް ކުރެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.
ޕްރިންސް ފިލިޕްސް، ރާނީއާއި ކައިވެނި ބައްލަވައިގައތީ 1947 ވަނަ އަހަރު އެވެ. އެއީ ރާނީ ތަޚުތައް ވެޑުވުމުގެ ފަސް އަހަރު ކުރިންނެވެ. ޝާހީ ޒިންމާތަކުން ޕްރިންސް އެކަހެރިވެ ވަޑައިގެންނެވީ 2017 ވަނަ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގަ އެވެ.