ސައުދީ ޢަރަބިއްޔާއިން ފާއިތުވީ 24 ގަޑީއިރުގެތެރޭގައި 3،000ށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.
އެޤައުމުގެ މިނިސްޓްރީން ޢާންމުކޮށްފައިވާ ބަޔާނުގައިވާގޮތުން، އަންގާރަ ދުވަހު އެކަނި އެޤައުމުން 3،288 މީހުން ވައިރަސްއަށް ޕޮޒިޓިވްވުމާއެކު މިހާރު އެޤައުމުން ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 108،571ށް މިހާރު ވަނީ އަރާފަ އެވެ.
ސައުދީ ޢަރަބިއްޔާގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި، ގިނަ ޢަދަދެއްގެ މީހުން ވައިރަސްއަށް ޕޮޒިޓިވްވީކަމަށް ރިކޯޑު ކުރެވެމުން ދަނީ އެޤައުމުން ފަށާފައިވާ 'ކޮމިއުނިޓީ ސަރވައިލެންސް" ޕްރޮގުރާމުގެ ދަށުން، ގިނަ ޢަދަދެއްގެ މީހުން އެއްފަހަރާ ޓެސްޓު ކުރަމުންދާތީ އެވެ. ތަހުލީލުތަކުގެ ނަތީޖާއަށް ބަލާ އެއް ކުރެވުނު ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ ހަތަރު ދުވަހުވެސް އެޤައުމުން 3،000ށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވީ ކަމަށް ރިކޯޑުކުރެވިފައި ވެއެވެ.
މިހާރުވެސް އެޤައުމުގައި ފަރުވާ ދެމުންދާ މީހުންނަށް ބަލާއިރު، 31،449 މީހުން ތިބީ އާދައިގެ ޙާލަތެއްގައެވެ. އެހެންނަމަވެސް، 1،686 މީހުންގެ ޙާލަތު ވަރަށް ސީރިއަސްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. ވައިރަސް ޖެހިގެން މަރުވީ މީހުންގެ ތަފުޞީލަށް ބަލާއިރު، ފާއިތުވެދިޔަ 24 ގަޑީއިރުގެ ތެރޭގައި 37 މީހުން މަރުވެ، މަރުވީ މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 783ށް އަރާފަ އެވެ.
ސައުދީ ޢަރަބިއްޔާގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އެންމެ ގިނަ ޢަދަދަކަށް ވައިރަސް މިހާރު ފެތުރެމުންދަނީ ވެރިރަށް ރިޔާދުގައެވެ. އަންގާރަ ދުވަހުގެ ޑޭޓަށް ބަލާނަމަ ރިޔާދުން 1،099 މީހުން، ޖިއްދާއިން 447 މީހުން އަދި މައްކާއިން 411 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވް ވެފައެވެ. މީގެ އިތުރުން ދަމާމުން 198 މީހުން، މަދީނާއިން 161 މީހުން ، އަލް-ޚުބާރުން 145 މީހުން އަދި ޤާތިފް އިން 131 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައި ވެއެވެ.
އަންގާރަ ދުވަހު ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން %52 އަކީ ސައުދީ ޢަރަބިއްޔާގެ މީހުންނެވެ. އަދި %48 މީހުންނަކީ ސައުދީގައި ދިރިއުޅޭ އެހެން ޤައުމުގެ ރައްޔިތުންނެވެ. ވައިރަސްއަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން %68 އަކީ ފިރިހެނުން، %32 އަކީ އަންހެނުންނެވެ. މީގެ ތެރޭގައި %5 އިން ސައްތަ ކުޑަކުދިން ހިމެނޭއިރު، %11 މީހުންނަކީ ކުޑަކުދިންނެވެ. އަދި ބާކީ %84 މީހުންނަކީ މެދު އުމުރުގެ މީހުންކަން ސައުދީ ހެލްތު މިނިސްޓްރީގެ ޑޭޓާތަކުން ދައްކައެވެ.