ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ޝާހިދު ޙައްޤާން ޢައްބާސީ ކޮވިޑް-19ށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން އެ މަނިކުފާނުގެ ޢާއިލާއިންނާއި, އެމަނިކުފާނު ނިޞްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީން ވަނީ ހޯމަ ދުވަހު ކަށަވަރުކޮށްދީފައެވެ.
2017-2018 ވަނަ އަހަރުގެ ތެރޭގައި 10 މަސްދުވަހުގެ މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި އައްބާސީ މިހާރު ގެންދަވަނީ އަމިއްލަ ގެކޮޅުގައި އެކަހެރިވެ ވަޑައިގެން ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ޢާއިލާގެ މެންބަރުން މިހާރު ކޮވިޑް-19ށް ޓެސްޓް ކުރަމުންދާކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އައްބާސް އަކީ ޕާކިސްތާން މުސްލިމް ލީގް ނުވަތަ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕާޓިގެ ނައިބު ރައީސެވެ. އެ ޕާޓީން ވަނީ އައްބާސީއަށް އަވަސް ޝިފާއަށް އެދި ދުޢާކުރާކަމަށް ބުނެފައެވެ. އައްބާސީ އެންމެ ފަހުން ގެއިން ބޭރަށް ނިކުމެ ވަޑައިގެންފައި ވަނީ މިދިޔަ ހަފުތާގައި މުސްލިމް ލީގުގެ ރައީސް ޝާހްބާޒް ޝަރީފުގެ ކަފާލާތުގެ ޕެޓިޝަންގައި ސޮއިކުރެއްވުމަށް ލާހޯރުގެ ހައިކޯޓަށް ކަމަށާއި، އެއަށް ފަހު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް އެމަނިކުފާނު ބައިވެރިވަޑައިގެންނެވި ކަމަށް ޚަބަރުތައް ބުނެއެވެ.
ޕާކިސްތާނުން ވައިރަސްއަށް ޕޮޒިޓިވްވީ ސިޔާސީ އިސް މަސްއޫލުވެރިންގެ ތެރޭގައި ސިންދް ޕްރޮވިންސްގެ ގަވަރުނަރު އިމްރާން އިސްމާއީލާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އައްސަދު ޤައިސަރު ހިމެނި ވަޑައިގަންނަވައެވެ.
ޕާކިސްތާނުން މިހާތަނަށް 103،671 މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާއިރު، 2،067 މީހުން ވަނީ މަރުވެފައެވެ. އަދި 32،581 މީހުން ވަނީ ފަރުވާ ދީގެން ރަނގަޅުވެފައެވެ.