ޖޫން މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކޮވިޑް-19 ޖެހިގެން އެމެރިކާގައި 127،000 (އެއްލައްކަ ހަތާވީސް ހާސް) މީހުން މަރުވެދާނެކަމަށް އެގައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން އަންދާޒާކޮށްފިއެވެ.
ސީޑީސީން ހަދާފައިވާ މި އަންދާޒާއަކީ އެކިއެކި 20 އިންސްޓިޓިއުޓަކުންނާއި ރިސަރޗް ހަދާ ފަރާތްތަކުން ހަދަފައިވާ އަންދާޒާތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އަންދާޒާއެކެވެ. ބުރާސްފަތި ދުވަހު އާންމުކުރި މި އަންދާޒާތަކުން ދައްކާގޮތުން ޖޫން 27 އާ ހަމައަށް 127،230 (އެއްލައްކަ ހަތާވީސް ހާސް ދުއިސައްކަތް ތިރީސް) މީހުން މަރުވަނާކެމަށް ލަފާކޮށްފައިވާ އިރު، 118،450 (އެއްލައްކަ އަށާރަ ހާސް ހަތަރުސަތޭކަ ފަންސާސް) އާއި 143،340 (އެއްލައްކަ ސާޅީސް ތިން ހާސް ތިންސަތޭކަ ސާޅީސް) އާ ދެމެދުގެ އަދަދެއްގެ މީހުން މި މުއްދަތުގައި މަރުވެދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ސީޑީސީން އެންމެ ފަހުން މިދިޔަ ހަފްތާގައި އާންމުކުރި އަންދާޒާތައް ދައްކާގޮތުން ވެސް ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް 123،000 (އެއްލައްކަ ތޭވީސް ހާސް) މީހުން މަރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ސީޑީސީގެ އެންމެ ފަހުގެ އަންދާޒާތައް ދައްކަގޮތުން ނަމަ އަލަށް ރިޕޯޓް ކުރާ މަރުގެ ކޭސްތައް އެކި ސްޓޭޓްތަކުން އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ. އެގޮތުން ބައެއް ސްޓޭތްތަކުން މިހާރު ވެސް މަރުގެ ކޭސްތައް ރިޕޯޓްކުރަމުން އަންނަ ވަރަށް އެއްވަރެއްގައި ކޭސްތައް ރިޕޯޓް ކުރަމުން އަންނާނެ ކަމަށާއި، އެހެން ސްޓޭޓްތަކުގައި ކޭސްތައް އަންނަވަރު މަދުވެދާނެކަމަށް ސީޑީސީގެ އަންދާޒާތަކުން ދައްކައެވެ.
އެމެރިކާއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެއް ގައުމެވެ. މިހާތަނަށް އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދަކީ 1.9 މިލިއަން މީހުންނެވެ. މިހާތަނަށް އެގައުމުގައި 109،000 (އެއްލައްލަ ނުވަ ހާސް) އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މީހުން ބަލިޖެހިފައިވަނީ ވެސް، މަރުވެފައިވަނީ ވެސް އަދި ރަނގަޅުވީ ވެސް އެމެރިކާގައެވެ.