ކޮވިޑް-19 ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކޮށް ނިންމިއިރު 9.9 މިލިއަން މީހުން ޓެސްޓުކޮށްފައިވާ ކަމަށާއި މިއިން އެއްވެސް މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފައި ނުވާކަމަށް ވުހާންގެ ހެލްތު ކޮމިޝަނުން ބުނެފި އެވެ.
އެހެންނަމަވެސް މިޓެސްޓް ތަކުން ހަށިގަނޑުގައި ވައިރަސް ހުރި ކަމުގެ އަލާމާތެއް ނުފެނި 300 މީހުން ވައިރަސް އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެނގިފައިވާ ކަމަށް ހެލްތު ކޮމިޝަނުން ބުނެއެވެ. ވުހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރަން ފެށީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ އެ ސިޓީގެ ލޮކްޑައުން އުވާލިތާ މަސްދުވަސް ފަހުން ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި ބަޔަކު ޕޮޒިޓިވްވެ މުޅިން އައު ކްލަސްޓަރ އެއް ފެނުމާއެކު އެވެ.
މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖޫން 1 އާ ހަމައަށް 11 މިލިއަން މީހުން ދިރިއުޅޭ ވުހާންގެ 9.9 މިލިއަން މީހުން ވަނީ ޓެސްޓް ކޮށްފަ އެވެ. ޗައިނާއިން ހަށިގަނޑުގައި ވައިރަސް ހުރި ކަމުގެ އަލާމާތް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވާ މީހުން އެއީ ޕޮޒިޓިވް މީހުންގެ ގޮތުގައި ރަސްމީކޮށް ހިމަނަމުންނެއް ނުދެއެވެ. ނަމަވެސް ވަކިން އެ އަދަދުތައް އަންނަނީ ބަލަހައްޓަމުންނެވެ.
ހަށިގަނޑުގައި އަލާމާތެއް ނުފެނި 300 މީހުން ވައިރަސް އަށް ޕޮޒިޓިވްވި ނަމަވެސް އެމީހުންގެ ފުށުން އެހެން މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތެއް ނެތްކަމަށް ޗައިނާގެ އޮފިޝަލުން ބުނެ އެވެ. އެއީ އެމީހުން އެޅި މާސްކް އާއި ބޭނުންކުރި ދަތްއުނގުޅާ ބުރުސް އަދި ފޯނު މީގެއިތުރުން ދޮރުގެ އަތްގަނޑާއި އެލަވޭޓަރުގައި ވެސް ވައިރަސް ނެތް ކަމަށް އޮފިޝަލުން ބުނެ އެވެ.
ވުހާންގެ ޑެޕިޔުޓީ މޭޔަރ ހޫ ޔަބޯ މީޑިޔާ އާ ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ ވުހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް 126 މިލިއަން ޑޮލަރު ހޭދަކުރި ކަމަށެވެ. ވުހާންގައި ގިނަ އަދަދެއްގެ ބަޔަކު އަވަހަށް ޓެސްޓް ކުރުމަށް ބޭނުން ކޮށްފައިވަނީ ޕޫލް ޓެސްޓިންގ ނިޒާމެވެ. މި ނިޒާމުގެ ދަށުން ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ނެގުމަށް ފަހު އެއް ޓިޔުބަކަށް ލައިގެން ޓެސްޓް ކުރެ އެވެ. މީގެން އެއް ޓެސްޓް ޕޮޒިޓިވްވެއްޖެ ނަމަ އެ ޓިޔުބަށް ލީ ހުރިހާ ސާމްޕަލްތަކެއް ވަކިވަކިން ޓެސްޓްކޮށް އެއީ ކާކުތޯ ދެނެގަތުމުގެ މަސައްކަތްކުރެ އެވެ. އެހެންނަަމަވެސް މިގޮތަށް ކުރިޔަށް ގެންގޮސްފައި ވަނީ ކިހާ އަދަދެއްގެ ޓެސްޓެއް ކަމެއް ސާފެއް ނުވެއެވެ.
މިގޮތަށް ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ހުށަހެޅީ އޭޕްރީލް މަހު ޖަރުމަނުގެ ސައިންސްވެރިން ތަކެކެވެ. އެއީ އަލާމާތްތައް ނުފެންނަ ގިނަ އަދަދެއްގެ ބައެއްގެ ޓެސްޓު ކުރިއިރު ވައިރަސްއަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ވުހާން އަކީ އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ސިޓީ އެވެ. ހޫބޭ ޕްރޮވިންސްގެ މައި ސިޓީ ވުހާން ގައި ވައިރަސް ފެތުރޭކަން ރަސްމީކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް އަންގާފައި ވަނީ ޑިސެންބަރ މަހުގެ 31 ވަނަ ދުވަހު އެވެ. ވުހާންގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެސިޓީ ލޮކްޑައުންކުރީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. މުޅި ހޫބޭ ޕްރޮވިންސް ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ލޮކްޑައުން ކުރުމަށް ފަހު ލޮކްޑައުނުން އެ ޕްރޮވިންސް ހުޅުވާލީ މަރޗް މަހުގެ ފަހުކޮޅު އެވެ. އެހެންނަމަވެސް ވުހާންގެ ލޮކްޑައުން އުވާލީ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ.
މިހާތަނަށް އައިއިރު ޗައިނާއިން ކޮވިޑް-19 އަށް 83,022 މީހުން ޕޮޒިޓިވް ވެފައިވާއިރު މަރުވެފައިވަނީ 4,634 މީހުންނެވެ.