ބްރެޒިލްގައި ކޮވިޑް-19 ޖެހުނު 5 މަހުގެ ތުއްތު ކުއްޖަކު 32 ދުވަސް ވަންދެން ކޯމާއެއްގައި އޮތުމަށްފަހު ރަނގަޅުވެއްޖެ އެވެ.
ޑޯމް ނަމަކަށް ކިޔާ މި ކުޑަ ކުއްޖާގެ ބައްޕަ ވެގްނާ އެންދްރޭޑާއި ޙަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ 32 ދުވަސް ވަންދެން ކޯމާގައި އޮތުމަށް ފަހު އޭނާގެ ދަރިފުޅުގެ ރަނގަޅުވެފައިވާ ކަމަށެވެ. ޑޯމް އުފަންވިތާ ގިނަ ދުވަސްތަކެއް ނުވަނީސް ކޮވިޑް-19 ޖެހިގެން އޭނާއަށް ފަރުވާދީފައި ވަނީ ރިއޯ ދި ޖެނޭރޯގެ ޕްރޯ-ކާޑިއެކޯ ހޮސްޕިޓަލުގަ އެވެ. ޑޯމް ވަނީ ކޮވިޑް-19 ޖެހުމުގެ ސަބަބުން 54 ދުވަސް ހޮސްޕިޓަލުގައި ހޭދަކޮށްފަ އެވެ.
މި 54 ދުވަސްގެ ތެރެއިން 32 ދުވަސް ވަންދެން ޑޯމް ކޯމާގައި އޮތް އިރު، އޭނާ އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ. ޑޯމްގެ ބައްޕަ ބުނެފައި ވަނީ ނޭވާލާން އުނދަގޫ ވެގެން ޑޯމް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ޑޮކްޓަރުން ފުރަތަމަ ލަފާ ކުރީ އެއީ ބެކްޓީރިއަލް އިންފެކްޝަނެއް ކަމަށެވެ. ނަމަވެސް ފަރުވާދީގެން ރަނގަޅުވެ ނުވެ ޑޯމްގެ ޙާލު ބޮޑުވި ކަމަށާއި، އެހެން ހޮސްޕިޓަލަކަށް ގެންދަން ނިންމި ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ހެދި ޓެސްޓު ތަކުން ކޮވިޑް-19ށް ޑޯމް ޕޮޒިޓިވްވި ކަމަށް ޑޯމްގެ ބައްޕަ ވަނީ ބުނެފަ އެވެ.
މިހާތަނަށް ޑޯމްއަށް ވައިރަސް ޖެހުނީ ކިހިނެއް ކަމެއް ދެނެގަނެވިފައި ނުވާއިރު، ބައްޔަށް ހުށަހެޅުނީ އާއިލާގެ މީހެއްގެ ގެއަށް ކުރި ޒިޔާރަތަކުން ކަމަށް ބެލެވޭ ކަމަށް ޑޯމްގެ ބައްޕަ އެންދްރޭޑް ވަނީ ބުނެފަ އެވެ. އަދި ޑޯމް ބަލިން ފަސޭހަވުމަކީ މުއުޖިޒާތެއް ކަމަށް ޑޯމްގެ މައިންބަފައިން ވަނީ ބުނެފަ އެވެ.
ޑޯމް އޭނާގެ ހަ މަހުގެ އުފަންދުވަސް ފާހަގަ ކުރާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި މިފަހަރު އާއިލާގެ މީހުން ގެނައުމުގެ ބަދަލުގައި ވަރޗުއަލްކޮށް އެކަން ކުރުމަށް ވަނީ ނިންމާފަ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ބްރެޒިލްއިން ރިޕޯޓުކޮށްފައިވާ ކޭސްތަކަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން މިހާތަނަށް އެއް އަހަރު ނުވާ 25 ތުއްތު ކުއްޖަކު ވަނީ ނިޔާވެފަ އެވެ. ބްރެޒިލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި 16 ހާހަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ ޖުމުލަ ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 5 ލައްކައަށް ވުރެ މައްޗަށް އަރާފަ އެވެ. މިހާތަނަށް އެ ޤައުމުން ވަނީ 29 ހާހަށްވުރެ ގިނަ މީހުން މަރުވެފަ އެވެ.